ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެފައިވާ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޑެޕިއުޓީ މިނިސްޓަރަކު ވަކާލާތު ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކުޑަކުއްޖަކާ ބެހުނުކަން ސާބިތުވެގެން ޖަލު ހުކުމެއް އިއްވާފައިވާ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހައި ކޯޓަށް އިއްޔެ ވަޑައިގަތީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޣިބު އަހުމަދެވެ.
ހައި ކޯޓުގައި އިއްޔެ އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ އެކަން ފާހަގަކޮށް, ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
ދައުލަތުން މި މައްސަލަ ފެންމަތި ކުރުމުން އެ މައްސަލާގެ ޝަރީއަތް އިއްޔެ އިތުރަށް ކުރިއަށް ގޮސްފައެއް ނުވެ އެވެ.
ރާޣިބަކީ ކ. ޖުޑީޝަލް ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓެވެ. އޭނާ 2019 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވީ ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ލަފާ ދިނުމާ އެކު އެވެ.
މީގެ ކުރިން ޓެކްސް މައްސަލައެއްގައި ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރި މައްސަލައެއް ފެންމަތިވި އެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މަދަނީ މައްސަލައެއްގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހައި ކޯޓަށް ވަޑައިގެންނެވި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ. އެހެންވެ, އެ މައްސަލައިން ފަހުން އޭނާ ވަކިވެ ވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!