ފަލަސްތީނުގެ ގުދުސްގައި ހުންނަ އަލް މަސްޖިދުލް އަޤްޞާ މިސްކިތުގައި ޔަހޫދީ ދީނުގެ އަޅުކަމުގެ ފައްޅިއެއް އެޅުމަށް ފުރުސަތުލިބިއްޖެނަމަ އެކަން ކުރާނެކަމަށް އިސްރާއީލުގެ ނޭޝަނަލް ސެކިއުރީޓީ މިނިސްޓަރު އިތަމާރ ބެން ގްވިރ ބުނެފައިވާ ބުނުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އިސްރާއީލުގެ ހައްދުފަހަނާއަޅާފައިވާ މި ވަޒީރު ހޯމަ ދުވަހު އިސްރާއީލުގެ އަސްކަރީ ރޭޑިއޯއަށް ދިން ބަސްދީގަތުމެއްގައި، އޭނާއަށް ބާރުލިބިއްޖެނަމަ މާތްވެގެންވާ އަޤްޞާ މިސްކިތުގެ އިމުގެ ތެރޭގައި ޔަހޫދީން އަޅުކަން ކުރާން ފައްޅިއެއް އަޅާނެކަމަށް ވަނީ ބުނެފައެވެ.
އޭނާ ވަނީ ފުރުސަތު ލިބިއްޖެނަމަ އަޤްޞާ މިސްކިތުގެ ސަރަޙައްދުގައި އިސްރާއީލުގެ ދިދަ ވެސް ނަގާނެކަމަށް ބުނެފައެވެ. އަދި އެތަނުގައި ޔަހޫދީ ފައްޅިއެއް އަޅަން ފުރުސަތުލިބިއްޖެނަމަ އެކަން ކުރާނެތޯ ތަކުރާރުކޮށް ޕްރެޒެންޓަރ ސުވާލުކުރުމުން އޭނާ ވަނީ ''އާނ'' އެކޭ ބުނެފައެވެ.
މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މާތްވެގެންވާ އިސްލާމް ދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ އަލްއަޤްޞާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ދީނީގޮތުންނާއި ތާރީޚީ ގޮތުން ވަރަށް މުހިންމު މިސްކިތެއްގެ އިތުރުން އެއީ އިސްލާމީ ތަރިކައިގެ ރަމްޒެއް ކަމަށެވެ.
"ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ.ގެ ކަމާބެހޭ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަލްއަޤްޞާ މިސްކިތުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް އިޙުތިރާމުކުރުމަށް އިސްރާއީލް ސަރުކާރަށް ގޮވާލަމެވެ،" އެ ބަޔާނުގައި ބުނެފަވެއެވެ.
އިސްރާއީލު ސަރުކާރުގެ އިސް ވެރިން ދައްކަވާ މިފަދަ ހަރުކަށި ވާހަކަތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރައި، ދީނީ ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވުމުގެ ފުރުޞަތު ބޮޑުކަމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.
"ޤުދުސްއާއި އެތަނުގެ މުޤައްދަސް ތަންތަނުގެ ޤާނޫނީ ހައިސިއްޔަތު ބަދަލުވެދާނޭފަދަ އެއްވެސް އަމަލެއް ހިންގުން ހުއްޓުވައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ދިވެހިރާއްޖެއިން ގޮވާލަމެވެ،" ބަޔާނުގައި ބުނެފަވެއެވެ.
ފުރުސަތުލިބިއްޖެނަމަ އަޤްޞާ މިސްކިތުގައި ޔަހޫދީ ދީނުގެ އަޅުކަމުގެ ފައްޅިއެއް އަޅާނެކަމަށް އިސްރާއީލުގެ ނޭޝަނަލް ސެކިއުރީޓީ މިނިސްޓަރު ބުނެފައިވާއިރު، މި މަހުގެ 14 ވަނަ ދުވަހު އިސްރާއީލުގެ ބައެއް ވަޒީރުންނާއި، ސެނެޓް މެންބަރުންތަކެއް ހިމެނޭހެން ވަދެ ވަނީ ހަމަނުޖެހުން ހިންގާފައެވެ.
އިސްރާއީލުން ހުރުމަތް ކަނޑަމުންދާ އަޤްޞާ މިސްކިތަކީ މި އާލަމްތަކުގެ ވެރި މާތްﷲގެ ހަޟުރަތުގައި ވަކިން ހާއްސަކޮށް މާތްކަން ބޮޑު ތިން މިސްކިތްތެރޭ މިސްކިތެކެވެ. އަނެއް ދެ މިސްކިތަކީ މާތްވެގެންވާ މައްކާގައި ހުންނަ މަސްޖިދުލް ޙަރަމް އާއި އަލް މަދީނަތުލް މުނައްވަރާގައި ހުންނަ މަސްޖިދުލް ނަބަވީ އެވެ.
އަޤްސާ މިސްކިތް ހުންނަ ބިމަކީ ޔަހޫދީންގެ ބިމެއްކަމަށް އެމީހުން ދަޢުވާކުރަމުން އާދެއެވެ. އަޤްޞާ މިސްކިތަކީ މުސްލިމުންގެ ފުރަތަމަ ގިބުލަ ކަމާއި، މާތް ކީރިތި رسول الله صلى الله عليه وسلم އަށް ﷲ تَعَالَى ހިޖުރަ ކުރެއްވުމަށްފަހު ވެސް ސޯޅަ މަސް ވަންދެން (ގެފުޅަށް ގިބުލަ ބަދަލުކުރައްވައިފުމަށް ދަންދެން) އަޤްޞާ އާއި ދިމާއަށް ކުރިމަތިލައި ހުންނަވައި މާތް ރަސޫލާ އާއި އެންމެހާ މުސްލިމުން ނަމާދުކުރައްވާފަވެއެވެ. އަދި އެ މިސްކިތަކީ މާތް ރަސޫލާގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅާއި ވެސް ގުޅިފައިވާ މާތް ބިނާއެކެވެ.
އެ މިސްކިތް ހުންނަ އަލް ޤުދުސް އަކީ މާތްވެގެންވާ އިބްރާޙީމްގެ ފާނާއި، އެކަލޭފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިޔުންގެ ފަސްގަނޑުކަން ބަޔާންކޮށް، އެއީ ސަލާމްލެއްވި ދާއޫދުގެ ފާނުގެ ވެރިކަމުގައި އެކަލޭފާނު ވެރިކަން ކުރެއްވި ވެރިރަށެވެ. އަދި އެއީ އެކަލޭފާނުންގެ ލޮބުވެތި ދަރިކަލުން ސުލައިމާން ޢަލައިހިއްސަލާމްގެ ބޮޑު ވެރިކަން ހިނެގެވި ބިމެވެ. ސުލައިމާންގެ ފާނުގެ ވެރިކަމަކީ އިންސާނިއްޔަތުދުއް އެންމެ ބާރުވެރި، އެފަދަ ދެވަނަ ވެރިކަމެއް ދުނިޔެ ނުދެކޭވަރުގެ ވެރިކަމެކެވެ. އެހެންކަމުން އަގްސާ ހުންނަ ބިމަކީ ޔަހޫދީން ނުވަތަ ޒަޔަނިސްޓުންގެ ތަނެއް ގޮތުގައި ތާރީޚީގޮތުން ވެސް އަދި ދީނީގޮތުން ވެސް ކަނޑައެޅެން ނެތްކަމަށް މުސްލުމުން ދެކެއެވެ. އަދި އެއީ މުސްލިމުންގެ ޙައްޤެއްކަމަށް ވެސް ޤަބޫލުކުރެއެވެ.
އަޤްސާ މިސްކިތް ހުރި ބިމުގެ މާތްކަން އަންގައިވައި އަދިވެސް މާތްﷲ ވަހީ ކުރައްވާފަވެއެވެ. وَنَجَّيْنَاهُ وَلُوطًا إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ ''އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، ލޫޠުގެފާނު ސަލާމަތްކުރައްވައި، ޢާލަމްތަކަށްޓަކައި، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ.'' (އަލް އަންބިޔާއު 71) އަދިވެސް ވަހީކުރަށްވާފަވެއެވެ. وَلِسُلَيْمَانَ الرِّيحَ عَاصِفَةً تَجْرِي بِأَمْرِهِ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَيْءٍ عَالِمِينَ ''އަދި ތިމަންރަސްކަލާނގެ، ސުލައިމާނުގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި (އެ) ޚިދުމަތްތެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެ ބިމުގައި، ބަރަކާތް ލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ.'' (އަލް އަންބިޔާއު 81)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!