އިންޑިއާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ކޮލްކަތާ ސިޓީގައި ޓްރެއިނީ ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައާއި ގުޅިގެން ކުރަމުންދާ މުޒާހަރާތަކަށް ފުލުހުން ބަޑިޖަހައިފިކަމަށް އަލްޖަޒީރާއިން ބުނެފިއެވެ. އަލްޖަޒީރާއިން ބުނެފައިވަނީ ކަރުނަ ގޭހާއި ފެން ޖަހައި، އަދި ލަޓިބުރިން ތަޅައި ސިފައިން ވަނީ މުޒާހަރާ ރޫޅާލާން މަސައްކަތް ކޮށްފައި ކަމަށެވެ.

މި މުޒާހަރާތަކުގައި ޔުނިވަރސިޓީ ދަރިވަރުންގެ އިސްނެގުމުގެ ދަށުން ގިނަ ބަޔަކު ވަނީ ސެކިއުރިޓީ ފޯސްތަކުން ޖަހާފައިވާ ބެރިކޭޑްތައް ތަޅާލައި ކުރިއަށް ގޮސްފައެވެ. އަދި މުޒާހަރާކުރި ފަރާތްތަކުން ވަނީ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރ މަމަތާ ބެނަރޖީ އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އޭނާގެ އިސްތިއުފާއަށް ގޮވާފައިވަނީ އެ މައްސަލަ ބެލި ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.

Ad
rt

31 އަހަރުގެ ޓްރެއިނީ ޑޮކްޓަރު ރޭޕްކޮށް މަރާލީ 9 އޯގަސްޓް 2023 ގައި ކޮލްކަތާގެ އާރް.ޖީ. ކާރު މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ޑިއުޓީގައި ހުއްޓައެވެ. މި ހާދިސާއާ ގުޅިގެން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވަނީ ކުށްވެރިކުރުމާއި މުޒާހަރާތައް ކޮށްފައެވެ. އަދި މިކަމުން އިންޑިއާގައި ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

މުޒާހަރާގައި ބައިވެރިވި ބައެއް ފަރާތްތަކަކީ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީގެ ހިންދޫ ނެޝަނަލިސްޓް ބީޖޭޕީގެ މެންބަރުންނެވެ. ބީޖޭޕީއަކީ ވެސްޓް ބެންގާލްގައި ޗީފް މިނިސްޓަރގެ ޓްރައިނަމޫލް ކޮންގްރެސް ޕާޓީއަށް އިދިކޮޅު މައި ޕާޓީއެވެ.

ފުލުހުން ވަނީ ބީޖޭޕީން ކޮލްކަތާގައި ބޭއްވުމަށް ރާވާފައިވާ ރެލީ ވެސް މަނާކޮށްފައެވެ. އަދި މަގުތައް ބަންދުކޮށްފައިވެއެވެ. މުޒާހަރާއާ ގުޅިގެން ބައެއް ސްކޫލްތަކާއި އޮފީސްތަކުން މީހުންނަށް ޗުއްޓީ ދީފައިވާކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.