ޣައްޒާގެ ދެކުނު އަލް-ބަލަހާއި ޚާން ޔޫނިސްއަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ މަދުވެގެން 41 މީހުން މަރުވެ، އެތައް ބަޔަކަށް ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް ދީފައިވަނީ އަންގާރަ ދުވަހުގެ ފަތިހު ސެންޓްރަލް ޣައްޒާގައެވެ.
ސެންޓްރަލް ޣައްޒާއަށް އިޒްރޭލުން ވަދެގަތުމުގެ ސަބަބުން އެ ސަރަހައްދުގައި ހިންގަމުންދާ އިންސާނީ އެހީގެ މަސައްކަތްތަކަށް ވެސް ބުރޫއަރަމުންދާ ކަމަށް އދ. އިން ހޯމަ ދުވަހު ބުނެފައިވެއެވެ. ދެއިރު އަލް-ބަލަހް އިން މީހުން ފޭބުމަށް އެންގުމާ ގުޅިގެން ބައެއް މަސައްކަތްތައް ހުއްޓާލަން ޖެހުނު ކަމަށް އދ. އިން ބުނެފައިވެއެވެ.
އަލްޖަޒިރާއިން މަޢުލޫމާތު ދޭގޮތުގައި އެވަގުތު މަސައްކަތްތެރިން ތިބި 15 އިމާރާތަކާއި އދ. ގެ 4 ގުދަން ހުސްކުރުމަށް އަންގާފައިވެއެވެ. މިހާރު ޣައްޒާގެ 90 އިންސައްތަ ސަރަހައްދު ހުސްކުރުމަށް އިޒްރޭލުން އަންގާފައިވާއިރު، ގިނަ އަދަދެއްގެ މީހުން އަލް-މަވާސީގެ ކަނޑުކައިރި ސަރަހައްދަށް ޖަމާވެފައިވެއެވެ.
އަނެއްކޮޅުން ހަފްތާ ބަންދުގައި ލުބުނާންގެ ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން ވަނީ ގޯސްވެފައެވެ. އިޒްރޭލުގެ 100 ހަނގުރާމަ ޖެޓު މެދުވެރިކޮށް ދެކުނު ލުބުނާންގައި ހުރި ހިޒްބުﷲ ގެ ހަތިޔާރާއި ތަންތަނަށް ހަމަލާދިނުމުން، އެ ޖަމާޢަތުން ވަނީ އެތައް މިސައިލަކާއި ޑްރޯނެއް އިސްރާއީލަށް ފޮނުވާލާފައެވެ.
މި ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ، މިސްރު އަދި ގަތަރު އިސްނެގުމުގެ މަތިން ބޭއްވި ބައްދަލުވުންތައް ނިމިގެން ދިޔައީ އެއްވެސް އެއްބަސްވުމަކާ ހަމައަށް ނާދެވިއެވެ.
މިސްރާއި ޣައްޒާގެ ބޯޑަރުގައާއި "ނެޓްޒަރިމް ކޮރިޑޯ" ގައި އިޒްރޭލުގެ ސިފައިން ބޭތިއްބުމަށް އެ ގައުމުން ޑިމާންޑް ކުރާތީ، އެއްބަސްވުމަކާ ހަމައަށް ނާދެވި ވަނީ ހުރަސްއެޅިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!