ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ވައިޓް ހައުސްއިން ބައެއް މަޢުލޫމާތު ސެންސަރ ކުރުމަށް އެ ކުންފުނީގައި އެދުނު ކަމަށް މެޓާ ޕްލެޓްފޯމްސްގެ ސީއީއޯ މާރކް ޒަކަބާރގް ވިދާޅުވެއްޖެއެވެ.
މި ވާހަކަ ޒަކަބާރގް ވިދާޅުވެފައިވަނީ އެމެރިކާގެ ކޮންގްރެސްގެ ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވި ސިޓީއެއްގައެވެ.
އެ ސިޓީގައި ޒަކަބާރގް ވިދާޅުވި ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވަނީ 2021 ވަނަ އަހަރު ބައިޑެން އިދާރާގެ އިސް އޮފިޝަލުން، އޭގެ ތެރޭގައި ވައިޓް ހައުސް ވެސް ހިމެނޭ ގޮތަށް، މަސްތަކެއް ވަންދެން ކޯވިޑް-19 އާ ގުޅޭ ބައެއް މަޢުލޫމާތު ހިމެނޭ ގޮތަށް ހުރި އެފަދަ ކޮންޓެންޓް ސެންސަރ ކުރުމަށް މެޓާއަށް ބާރު އަޅަމުން ދިޔަ ކަމަށެވެ. އެކަމަށް އެއްބަސް ނުވުމުން ބައިޑެން އިދާރާއިން ނުރުހުން ފާޅުކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން އެޅި ބާރަކީ ރަނގަޅު ކަމެއް ނޫން. އަދި އެކަމާ ދެކޮޅަށް އިތުރަށް އަޑުއުފުލާފައި ނުވާތީ އެކަމާ ދެރަވަން،" ޒަކަބާރގް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރުގެ ނުރައްކާ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އާންމު ސިއްޙަތާއި ރައްކާތެރިކަން ހިމާޔަތްކުރުމަށް ޓެކް ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް އިދާރާއިން ބާރުއަޅާ ކަމަށެވެ.
ޒަކަބާރގް އިތުރަށް ވިދާޅުވެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ އިންފްރާސްޓްރަކްޗަރ އަށް އެއްވެސް އެހީއެއް ނުދޭނެ ކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން 2020 ވަނަ އަހަރުގެ އިންތިޚާބުގައި އޭނާ 400 މިލިއަން ޑޮލަރު ހޭދަކުރެއްވި ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!