ފެނަކަ ކޯޕަރޭޝަނުން ދ. ކުޑަހުވަދޫގައި ސްމާރޓް މީޓަރ ހަރުކޮށް، ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މިއީ ޓެކްނޮލޮޖީގެ އެހީގައި ލިބޭ ކުރިއެރުންތަކުގެ ލުއި ފަސޭހަތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފެނަކައިން ކުރިއަށް ގެންދާ ސްމާރޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން ފެށުނު ޚިދުމަތެކެވެ.

Ad
rt

މިރޭ ބޭއްވުނު ޙަފްލާއެއްގައި މި ޚިދުމަތް ރަސްމީކޮށް ފަށައިދެއްވީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާ ބެހޭ ވަޒީރު، ތޯރިޤް އިބްރާހީމެވެ. މި ޚިދުމަތާއެކު، ފެނަކައިން ވަނީ ސްމާރޓް މީޓަރގެ މޯބައިލް އެޕްލިކޭޝަން ފީޗަރވެސް އިފްތިތާޙްކޮށްފައެވެ. މި އެޕްލިކޭޝަނަކީ ސްމާރޓް މީޓަރުގެ ޚިދުމަތް ލިބޭ ފަރާތްތަކަށް އަމިއްލަ ފޯނުން ގޭގައި ކަރަންޓު ހިނގާ މިންވަރު ދުވަހުން ދުވަހަށް ބަލައި މޮނިޓަރ ކުރެވޭނެ އެޕްލިކޭޝަނެކެވެ.

ކުޑަހުވަދޫގައި މި ޚިދުމަތް ފެށުމާއެކު، ރަށުގައި ބޭނުންކުރާ ހުރިހާ ކަރަންޓު މީޓަރެއް ސްމާރޓް މީޓަރަށް ބަދަލުކޮށް ނިމިފައިވެއެވެ. ފެނަކައިން ބުނާ ގޮތުގައި ރާއްޖޭގެ ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ދޭން ވަނީ ނިންމާފައެވެ. މިހާރުވެސް ދާލު އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން ގިނަ އަތޮޅުތަކެއްގައި މި ޕްރޮޖެކްޓްގެ ދަށުން ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ. މީގެ ތެރޭގައި ހދ، ބ، މ، ފ، ތ އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީވެސް ހިމެނެއެވެ. އޭގެ ތެރެއިން ދާލު އަތޮޅާއި ފޯއްމުލައް ސިޓީގައި، ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަކަމަށް ފެނަކައިން މަޢުލޫމާތު ދެއެވެ.

ސްމާރޓް މީޓަރަކީ ކުރިން ބޭނުންކުރަމުން ދިޔަ އެނަލޮގް މީޓަރުތަކާއި ޑިޖިޓަލް މީޓަރުތަކުގެ ބަދަލުގައި މުޅީން އޮޓޮމޭޓްކުރެވި، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮނިޓަރ ކުރެވޭނެ މީޓަރެކެވެ. މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެކަން ޔަޤީނެވެ.

ޗައިނާގެ ޑޮންފަންގ ކުންފުނިން އުފައްދާފައިވާ މި ސްމާރޓް މީޓަރަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރެވޭ ފެންވަރުގެ މީޓަރެކެވެ. މީގެ އިތުރުން، މި މީޓަރަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކުރެވިފައިވާ އުފެއްދުމެކެވެ. ފެނަކައިން ވަނީ މި ސްމާރޓް މީޓަރުތައް ޓެސްޓުކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްފައެވެ.

2022 ވަނަ އަހަރު ސްމާރޓް މީޓަރ ޕްރޮޖެކްޓަށް ކޮންޓްރެކްޓް ކުރެވުނު ނަމަވެސް، މަޝްރޫޢު ހިންގުމަށް ބޭނުންވާ އެއްބާރުލުން އެކަށީގެންވާ މިންވަރަށް ލިބިފައިނުވުމުގެ ސަބަބުން މަޝްރޫޢުގެ މަސައްކަތް ވަނީ މެދުކެނޑިފައެވެ. އެހެންނަމަވެސް، ފެނަކައިގެ އައު މެނޭޖްމަންޓުގެ ލަނޑުދަނޑިއަކީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ފެނަކައިން ޚިދުމަތްދޭ ރާއްޖޭގެ އެންމެހައި ރަށްތަކުގައި ބޭނުންކުރެވޭ ހުރިހާ މީޓަރެއް ސްމާރޓް މީޓަރަށް ބަދަލުކުރުމެވެ. މި މަސައްކަތުގެ މަޤްޞަދަކީ ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރަށް ހޯދައި، ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ.