ސަޢޫދީ ޢަރަބިއްޔާ އާއި އެމެރިކާ ގުޅިގެން ތާރީޚީ އެއްބަސްވުމެއް އެކުލަވާލަމުންދާ ކަމަށް ރިޔާދުގައި ހުންނަ އެމެރިކާގެ ސަފީރު މައިކަލް ރެޓްނީ ވިދާޅުވެއްޖެއެވެ.
މި އެއްބަސްވުމުގައި ދެ ޤައުމުގެ ސްޓްރެޓެޖިކް ގުޅުން ހަރުދަނާކުރުމާއި، އަސްކަރީ އެއްބަސްވުންތަކާއި، އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ގުޅުން ޤާއިމުކުރުމާއި ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް މަގުފަހިކުރުން ހިމެނޭ ކަމަށް ވެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ނޫސް "އަޝްރަޤުލް އަވްސަޠު" އަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ރެޓްނީ ވިދާޅުވީ މި އެއްބަސްވުމުގެ މުހިންމު ބައިތަކެއް ނިމުމާ ކައިރިވެފައިވާ ކަމަށެވެ. ނަމަވެސް މި އެއްބަސްވުން ނިންމާނެ ވަކި މުއްދަތެއް ސަފީރު ފާހަގަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ވީހާވެސް އަވަހަކަށް މި އެއްބަސްވުން ނިންމުމަށް ދެ ޤައުމުންވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ މޭ މަހު އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސަލިވަން ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި މި އެއްބަސްވުމުގެ ޑްރާފްޓަކާ މެދު މަޝްވަރާކުރެއްވި ކަމަށް ސަޢޫދީ ޕްރެސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
މި އެއްބަސްވުމަކީ ސަރަޙައްދުގެ ކަންކަމާ ގުޅިފައިވާ އަދި ވަރަށް ގިނަ ކަންކަން ހިމެނޭ އެއްބަސްވުމެއް ކަމަށް ސަފީރު ރެޓްނީ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!