ދާޚިލާ ވަރުގަދަ ހަނގުރާމައިގެ ތެރޭގައިވާ ސުދާންރައްޔިތުން ބޮޑު ހާސްކަމެއްގައި ތިއްބައި މިއަހަރު ކުރިމަތިވި ފެންބޮޑުވުމާއި ގަދަ ވާރޭގެ ސަބަބުން މަދުވެގެން 132 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޞިއްޙީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

ވޭތުވެދިޔަ މަހުން ފެށިގެން ސުޑާނުގައި ވަނީ ގަދަ ވާރޭވެހި، އެކި ދުވަސްމަތިން ފެންބޮޑުވެފައެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުތުރާއި އިރުމަތީ ސަރަހައްދުތަކަށެވެ.

Ad
rt

"ޖުމްލަ 10 ސަރަޙައްދަކަށް އަސަރު ކޮށްފައިވޭ. އަސަރުކުރި އާއިލާތަކުގެ އަދަދު 31,666 އަށް އަރާފައިވާއިރު، އަސަރުކުރި މީހުންގެ އަދަދު 129,650 އަށް އަރައިފި،" ޞިއްޙީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

ސޫދާނުގައި ކޮންމެ އަހަރަކުވެސް ފެންބޮޑުވުމުގެ ހާދިސާތައް ހިނގާއިރު، މިއަހަރު އޭގެ އަސަރު އިތުރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ. އެއީ 16 މަސްދުވަހަށްވުރެ ގިނަ ދުވަހު ވާދަވެރި ޖެނެރަލުންގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފެންބޮޑުވާ ސަރަހައްދުތަކަށް މިލިއަނުން މީހުން ބަދަލުވެފައިވާތީއެވެ.

ވާރޭގެ ސަބަބުން މިހާތަނަށް 12,420 ގެ އެއްކޮށް ވީރާނާވެ، 11,472 ގެ އަށް އެކި ވަރުވަރަށް ގެއްލުންވެފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ސޫދާނުގެ އުތުރު އަދި ނައިލް ރިވަރ ހިސާބުތަކަށެވެ.

ހޮނިހިރު ދުވަހު ވެހުނު ގަދަ ވާރޭގައި ރެޑް ސީ ސިޓީ ޕޯޓް ސޫދާނުގެ އުތުރުގައިވާ އަރްބާތް ސަރަހައްދު ފެންބޮޑުވެ، އަރްބާތް ޑޭމް ފަޅައިގެން ގޮސް އެތައް ރަށެއް ފެނުގެ އަޑިއަށް ގޮސްފައިވެއެވެ.

މި ހާދިސާގެ ސަބަބުން މިހާތަނަށް 13 މީހުން މަރުވެފައިވާ ކަމަށާއި 210 މީހުން ގެއްލިފައިވާ ކަމަށް އެހީތެރިކަން ފޯރުކޮށްދޭ އެ ރަށުގެ ވޮލަންޓިއަރުން މަޢުލޫމާތު ދީފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫދާނުގައި މިހާރު ވަނީ ކޮލެރާ ފެތުރެން ފަށާފައެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނެފައިވާ ގޮތުގައި ޖޫން 2023 އިން ފެށިގެން މިހާތަނަށް 11,327 މީހުންނަށް ކޮލެރާ ޖެހި، އޭގެ ތެރެއިން 316 މީހުން މަރުވެފައިވެއެވެ.