ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަމުން އަންނަ 4000 ފްލެޓް ދޫކުރުމުގެ އެންމެހާ ކަމެއްގައި ޢަމަލުކުރަމުން ގެންދާނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އަންގާ ގޮތެއްގެ މަތިންކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ބުނެފިއެވެ.

އެ ކުންފުނިން މިއަދު އާންމުކުރި ނޫސްބަޔެއްގައި ބުނެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން ތަރައްގީކުރަމުން އަންނަ 4000 ހައުސިންޔުނިޓްތަކާއި ހަވާލުވުމަށާއި، އެތަންތަނުގެ އެއްބަސްވުމާއިގުޅޭ ގޮތުން ގިނަ ބަޔަކު އަންނަނީ މައުލޫމާތު ހޯދަން އެ ކުންފުންޏަށް ހުށަހަޅަމުން ކަމަށެވެ.

Ad
rt

އެ ބަޔާނުގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކުރާ ހައުސިން ޔުނިޓްތައް ލިބޭފަރާތްތައް ކަނޑައަޅައި، އެތަންތަނުގެ އެއްބަސްވުމާއިގުޅޭ ކަންކަމަކީ ގެދޮރުވެރިކަމާއިބެހޭ ވުޒާރާއިން ބަލަހައްޓަމުން އަންނަ ކަންކަން ކަމަށެވެ.

''ޔުނިޓްތައް ހަވާލުކުރުމުގައި މި ކުންފުނިން ޢަމަލުކުރަމުން ގެންދާނީ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން'' އެފްޑީސީގެ ބަޔާނުގައި ބުނެފަވެއެވެ.

ފްލެޓު ހަވާލުކުރުމާ ގުޅޭ އެންމެހާ ކަންކަން މަޑުޖައްސާލުމަށް ގެދޮރުވެރިކަމާއިބެހޭ ވުޒާރާއިން އެކުންފުންޏަށް ކުރީން އަންގާފައިވާކަމަށް ވެސް އެފްޑީސީން ބުނެފަވެއެވެ.

އެހެންކަމުން ފްލެޓު ހަވާލުކުރުމާ ގުޅޭ އެންމެހާ ކަންތައްތައް ކުރިއަށް ގެންދެވޭނީ އެ މައްސަލައާ ގުޅޭ ގޮތުން ގެދޮރުވެރިކަމާއިބެހޭ ވުޒާރާއިން ވަކި ގޮތެއް އެންގުމުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.