ޣައްޒާގެ މެދުތެރޭ ޑައިރް އަލް ބާލާގައި ހިދުމަތްދެމުން އަންނަ ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ އަލް އަގްސާ ހޮސްޕިޓަލުން ވަގުތުން މީހުން ހުސްކުރުމަށް އިސްރާއީލުން އަމުރުކޮށްފި އެވެ.
މީގެއިތުރުން ހޮސްޕިޓަލް ކައިރީގައިވާ ވަގުތީ ހިޔާތަކާއި ވަށައިގެންވާ ސަރަހައްދު ދޫކޮށް ދިއުމަށް ވެސް ވަނީ އަމުރު ނެރެފައެވެ.
"މެޕްގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ބްލޮކް 128 ގައި ހުންނަ ޑެއިރް އަލްބާލާ އަވަށްގައި ތިބި ހުރިހާ ރައްޔިތުންނާއި ގެދޮރު ގެއްލިފައިވާ މީހުންތިބި ތަންތަން ހިމެނޭނެ. މިސަރަހައްދުގައި އައިޑީއެފްގެ ފޯސްތައް ހަރަކާތްތެރިވާނެ.” ސިފައިންގެ ތަރުޖަމާނު އަވިޗައި އަދްރައި ވިދާޅުވި އެވެ.
"ތިޔަބޭފުޅުންގެ ސަލާމަތަށްޓަކައި ވަގުތުން ހުޅަނގު އަލްމަވާސީ ސަރަހައްދަށްބަދަލުވެވަޑައިގަންނަވާ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ސިފައިންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދަކީ "ނުރައްކާތެރި ހަނގުރާމަވެރި ސަރަހައްދެއް" ކަމަށެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ކަށަވަރުކޮށްދިން ގޮތުގައި އަލްއަގްސާ ޝަހީދުންގެ ހޮސްޕިޓަލަކީ އިސްރާއީލުން ކަނޑައަޅާފައިވާ ރެޑް ޒޯންގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލެއް ނޫނެވެ. މިއީ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި އިސްރާއީލުން ގިންތިކޮށްފައިވާ ސަރަހައްދެއް ކަމުގައެވެ.
އިސްރާއީލުގެ ހަރުކަށި އިންޒާރާއެކު އެސަރަހައްދު ދޫކޮށް ދިއުމަށް އާއްމުން މަސައްކަތްކުރަމުންދާއިރު، މަގުތައް ވަނީ ތޮއްޖެހިފައެވެ. އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނާއި، ޒަޚަމްވެފައިވާ މީހުންނާއި، ތުއްތު ކުދިންނާއި މުސްކުޅިން ގެންދެވޭނެ ފަސޭހަގޮތެއް ނެތެވެ.
ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގަ މިވީ 10 މަސްދުވަހުގެ ތެރޭގައި އެތައް ފަހަރަކު އިސްރާއީލުން ވަނީ "ރައްކާތެރި" ނުވަތަ "އިންސާނީ" ސަރަހައްދުތަކުން މީހުން ހުސްކޮށްފައެވެ.
އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި ބައިނަލްއަގްވާމީ އޮބްޒާވަރުން ވަނީ އެ އަމުރުތަކުގެ ލާއިންސާނީކަމާއި އޭގެ ސަބަބުން ކުރިމަތިވި ތަކުލީފުތައް ކުށްވެރިކޮށްފަ އެވެ. މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް މިފަދަ "ރައްކާތެރި ސަރަހައްދުތަކަށް" ދިއުމުގެ މަގުމަތީގައި ވެސް އަދި އެފަދަ ޒޯންތަކަށް ދިއުމަށްފަހު ވެސް އިސްރާއީލުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!