ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުން 81،030 އެމެރިކާ ޑޮލަރު ހޯދައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައިފި އެވެ.
ޔޫއެސް ބަންގްލާ އެއަރލައިންސްގެ ފްލައިޓް ނަންބަރު BS338 އިން ދަތުރުކުރަން އުޅުނު މި ފަސިންޖަރުގެ ލަގެޖުން މި ފައިސާ ހޯދީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ސްކްރީނިންގ ޓީމުންނެވެ. ފައިސާ ފޮރުވާފައި ހުރީ ކޯންފްލެކްސް ޕެކެޓެއްގެ ތެރޭގައެވެ.
އޭވިއޭޝަން ސެކިއުރިޓީން އާންމުކޮށްފައިވާ ވީޑިއޯއެއްގައި އެ ޕެކެޓް ކަނޑާލާ މަންޒަރު ފެންނަން ހުއްޓެވެ. އަދި އޭގެ ތެރެއިން ނެރުނު ހަ ބޮނޑި ފައިސާގެ ކޮންމެ ބޮނޑިއެއްގައި މީހެއްގެ ނަން ލިޔެފައިވާކަން ވެސް ފާހަގަކުރެވެއެވެ.
ވީޑިއޯގައި އެ ފަސިންޖަރު ބުނެފައިވަނީ "ޗަމްޕާ ގެސްޓް ހައުސް މީހާ މަގޭ ކާރީގަ ގެންދަން ބުނީ" އޭ ކަމަށް އޭވިއޭޝަން ސެކިއުރިޓީން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ފަސިންޖަރު ވަނީ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައެވެ. ނަމަވެސް މި މައްސަލައާ ގުޅޭ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ރާއްޖެއިން ބޭރަށް ގެންދެވޭނެ ނަގުދު ފައިސާގެ އަދަދު ކަނޑައަޅާފައިވާއިރު، މިފަދަ ބޮޑު އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދަން އުޅުމަކީ ޤާނޫނާ ޚިލާފު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!