ޖަރުމަނުގެ ސޯލިންގެން ސިޓީގައި ހުކުރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ 3 މީހުން މަރާލި މީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހަމަލާގައި އިތުރު 8 މީހުން ވަނީ ޒަޚަމްވެފައެވެ.
ޖަރުމަނުގެ ނޯތު ރައިން-ވެސްޓްފޭލިއާ ސްޓޭޓުގެ އިންޓީރިއަރ މިނިސްޓަރ ހަރބަރޓް ރޫލް ވިދާޅުވީ ހަމަލާދިން މީހާވަނީ ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ. ޖަރުމަނުގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި މި މީހާ ވަނީ އަމިއްލައަށް އަމާންދީފައެވެ.
މި ހަމަލާއަށް އިސްލާމިކް ސްޓޭޓް ޖަމާޢަތުން ވަނީ ޒިންމާ ނަގާފައެވެ. އެ ޖަމާޢަތުގެ އަމާޤު ނިއުސް ސައިޓުގައި ބުނެފައިވަނީ މި ހަމަލާ ދީފައިވަނީ ފަލަސްތީނުގައި އަދި އެހެން ތަންތާނގައި ތިބި މުސްލިމުންނަށް ބަދަލު ހިފުމަށް ކަމަށެވެ.
މި ހަމަލާއާ ގުޅިގެން 15 އަހަރުގެ ކުއްޖަކާއި އެހެން މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މަރުވި މީހުންގެ ތެރޭގައި 67 އަހަރުގެ ފިރިހެނަކާއި، 56 އަހަރުގެ ފިރިހެނަކާއި، 56 އަހަރުގެ އަންހެނަކު ހިމެނެއެވެ.
ސޯލިންގެން ސިޓީގެ 650 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވަމުންދިޔަ "ފެސްޓިވަލް އޮފް ޑައިވަރސިޓީ" މި ހާދިސާއާ ގުޅިގެން ވަނީ ކެންސަލްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!