އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެނިހެން އިސް ފަރާތްތައް ހައްޔަރުކުރުމުގެ އަމުރާމެދު އަވަހަށް ގޮތެއް ނިންމުމަށް ކޯޓުގެ ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ.
ޚާން ވިދާޅުވީ މި މައްސަލަ ލަސްވުމަކީ ޝިކާރައަކަށްވީ މީހުންގެ ޙައްޤުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. މި ހައްޔަރުކުރުމުގެ އަމުރު ނެރުމަށް އެދި ހުށަހެޅުނީ އޮކްޓޯބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާއި، އޭގެ ފަހުން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ނަތަންޔާހޫ އާއި އިޒްރޭލުގެ ޑިފެންސް މިނިސްޓަރ ޔޯވް ގަލަންޓް، އަދި ހަމާސްގެ ތިން ލީޑަރުންނަކީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތަކުގެ ޖިނާއީ ޒިންމާ އުފުލަންޖެހޭ ފަރާތްތަކެއް ކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށެވެ.
އިޒްރޭލަކީ އައިސީސީގެ މެންބަރެއް ނޫން ކަމުން، ހައްޔަރުކުރުމުގެ އަމުރު ނެރުނު ކަމުގައިވިޔަސް، ނަތަންޔާހޫއާއި ގަލަންޓަށް މިވަގުތު ސީދާ ނުރައްކަލެއް ނެތެވެ. ނަމަވެސް މިފަދަ އަމުރެއް ނެރެފިނަމަ، އިޒްރޭލުގެ ލީޑަރުންނަށް ބޭރަށް ދަތުރުކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.
ކޯޓުން މި މައްސަލައާމެދު ގޮތެއް ނިންމާނީ ކޮން އިރަކުކަން މިވަގުތު ސާފެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!