ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގުކަމަށްވާ ސްޕެނިޝް ލަލީގާގެ މެޗުތައް (ގޭމް ވީކް 2) އިން ފެށިގެން މީޑިއާ ނެޓުން ދައްކަން ފަށައިފިއެވެ
މިދިޔަ ހަފްތާ ބަންދުގައި ސްޕެނިޝް ލަލީގާގެ އައު ސީޒަންގެ ކުޅުން ފެށުނުއިރު މީޑިއާނެޓްގެ އެއްވެސް ޗެނަލަކުން ލަލީގާގެ މެޗުތައް ނުދައްކައެވެ. ވުމާއިއެކު ކަސްޓަމަރުންގެ ޝަކުވާ ވަރަށް ބޮޑުވެ، މީޑިއާނެޓްގެ ސޯސަލް ޕެލްޓެފޯމްތަކުގައި ގިނަބަޔަކު ހިތްހަމަ ނުޖެހި ކޮމެންޓް ވެސް ކޮށްފައި ހުއްޓެވެ.
ކަށްޓަމަރުންގެ ޝަކުވާ ބޮޑުވުމާއިއެކު މި މަހުގެ 18 ވަނަ ދުވަހު މީޑިއާނެޓުން އާންމުކުރި މައުލޫމާތުގައި ބުނީ ސްޕެނިޝް ލަލީގާއާއި އީޓާލިއަން ލީގުގެ އައު ސީޒަންގެ މެޗުތައް އައިސްނެޓްވޯކް މެޗުވެރިކޮށް އާންމުންނާއި ހަމައަށް ވީހާ އަވަހަކަށް ގެނެސްދިނުމަށް ކޮންޓެންޓް ޕްރޮވައިޑަރުންނާއިއެކު ވަރަށް ކައިރިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިއްޔެ މީޑިއާނެޓް ފޭސްބުކް ޕޭޖުގައި، އައިސް ނެޓްވޯކުން ސްޕެނިޝް ލީގު ދައްކަން ފަށާނެކަން ހާމަކޮށް، މި ހަފްތާ ބަންދުގައި ލައިވްކޮށް ދައްކާނެ މެޗުތަކުގެ މައުލޫމާތު ވެސް ވަނީ އާންމުކޮށްފައެވެ.
ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ފަދަ ޓީމްތަކަކީ ސްޕެނިޝް ލީގުގެ ޓީމްތަކެވެ. ދިވެހިންގެ ތެރޭގައި މި ދެ ޓީމްގެ ސަޕޯޓަރުން ގިނަ އަދަދަކަށް އުޅެއެވެ. މި ސީޒަނަށް ސްޕެނިޝް ލީގާއި ވަނީ ވަރަށް މޮޅެތި ކުޅުންތެރިން ގުޅިފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑާއި ގުޅުނު ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ، އެތުލެޓިކޯ މެޑްރިޑާއި ގުޅުނު ހޫލިއަން އަލްވަރޭޒްގެ އިތުރުން ޔޫރޯގައި މޮޅު ކުޅުމެއް ކުޅުނު ސްޕެއިންގެ ޑެނީ އޮލްމޯ ހިމެނެއެވެ. ރެއާލްގެ އާދާ ގުލާއާއި ބާސެލޯނާގެ ލެމީން ޔަމާލްފަދަ ޒުވާން ކުޅުންތެރިންގެ ހުނަރު ބަލަން ދިވެހިން ވަރަށް ބޮޑަށް ބޭނުންވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!