އެމްޑީޕީގެ ސަރުކާރެއް އޮތްނަމަވެސް އެމްޑީޕީގެ މެންބަރުންނަށް އޭގެ ހިތްހަމަޖެހުން ހޯދޭތަން ފެންނަމުން ނުދާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އުތުރަށް ކުރަމުން ގެންދާ އުތުރުގެ ދަތުރުގައި ހއ. އިހަވަންދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީސަޕޯޓަރުންނާއި މިއަދު ހެނދުނު ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮތްނަމަވެސް ،އެމްޑީޕީގެ މެންބަރުންނަށް އޭގެ ހިތްހަމަޖެހުން ހޯދޭތަން ފެންނަމުންދާ ނުދާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ހިތްހަމަ ޖެހުން ނާންނަ ސަބަބަކީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ގެނައުމަށް އެކުލަވާލާފައިވާ ކޯލިޝަނެވެ. ކޯލިޝަނުގެ ސަބަބުން އެމްޑީޕީގެ މެންބަރުންނަށް ހައްގު މިންވަރު ނުލިބޭކަމަށްވެސް އެމަނިކުފާނު ވިދާޅުވެއެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ، އަޅުގަނޑުމެންނަށް އެބަ ވިސްނޭ ސަރުކާރު، އެމްޑީޕީގެ ސަރުކާރު އުފެދިގެން އައުމާ އެކުގައި އަދި މި ރަށްތަކުގައިވާ އެމްޑިޕީގެ މެންބަރުންނަށް އޭގެ ފުރިހަމަ ހިތްހަމަ ޖެހުމެއް ހޯދިގެން ލިބިގެން ނާންނަތަން. ހިތްހަމަ ޖެހުމެއް ލިބިގެން މި ނާންނަނީ، އަޅުގަނޑަށް ފެންނަތަނުގައި އޭގައިވާ ސިއްރަކީ އިއްތިހާދު. މި ޕާޓީގެ މެންބަރުންނަށްވެސް އަދި މި ޕާޓީގެ މަސައްކަތުގައި މިއޮއްހާ ޒަމާނު އުޅުނު މީހުންނަށް ހައްގުވާ މިންވަރު، އެމީހުންނަށް ލިބެންޖެހޭ ބައި ނުލިބި މި ދަނީ އެބައި އެހެން ތަންތަނަށް އަޅަންޖެހޭ މިންވަރުން،" އިހަވަންދޫ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން މިއަދު ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީއަށް ސުޕަމެޖޯރިޓީ ރައްޔިތުން ދީފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެނީ އެމްޑީޕީއާއި އެ ޕާޓީގެ ސިޔާސަތުތަކަށް ކަން ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށާއި، ވެރިކަން ތަރުތީބު ކުރެވެން ޖެހޭނީ ވެސް އެ ގޮތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިންތިހާބުތަކުގެ ނަތީޖާ އިން ރައްޔިތުން ތިބީ އެމްޑީޕީގެ ފިކުރާ އެކުގައި، އެޕާޓީ އިން ވަކާލާތުކުރާ ކަންތަކާ އެކުގައި ކަން އެނގޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މި ސަރުކާރު އުފެދިފައިވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫނުގެ އެމްއާރުއެމް ގުޅިގެންނެވެ. މިސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެވެމުން ދިޔައިރު ރައީސް ނަޝިދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. މިސަރުކާރުއައީ ހުރިހާ ފިކުރެއް އެއްވެ، އަނިޔާއާއި ކޮރަޕްޝަނައް ނޫނެކޭބުނެ އެތައް ރަށްޔިތުންނެއްވީ ޤުރުބާނީއެއްގެ ނަތީޖާއިންކަމަށް ގިނަ ރައްޔިތުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!