ބަންގްލަދޭޝްގައި މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން 12 ޑިސްޓްރިކްޓެއްގައި ފެންބޮޑުވެ، 4.5 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކޮށްފިއެވެ.
އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އެންޑް ރިލީފް މިނިސްޓްރީގެ ސެކްރެޓަރީ ކަމްރުލް ހަސަން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް 13 މީހުން މަރުވެ، ގާތްގަނޑަކަށް 800,000 މީހުން ގެދޮރު ގެއްލިފައިވެއެވެ.
ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ޑިސްޓްރިކްޓްތަކުގެ ތެރޭގައި ކުމިލާ، ނޮއާޚާލީ، ބްރަހްމަންބަރިއާ، ޗިޓަގޮންގް، ކޮކްސް ބާޒާރު، ސިލްހެޓް އަދި ހަބީގަންޖް ހިމެނެއެވެ.
ބަންގްލަދޭޝްގެ ފްލަޑް ފޯކާސްޓިން އެންޑް ވޯނިން ސެންޓަރުގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެ ޤައުމުގެ އިރުމަތީ ސަރަހައްދުގެ ފަސް ކޯރެއް ނުރައްކަލުގެ މިންވަރަށްވުރެ މައްޗަށް ގޮސްފައިވެއެވެ.
މި ހާދިސާގެ ސަބަބުން މުވާސަލާތީ ވިއުގައަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ބަންގްލަދޭޝް ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަން (ބީޓީއާރްސީ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފެންބޮޑުވި ޑިސްޓްރިކްޓްތަކުގެ 14 ޕަސެންޓް މޮބައިލް ޓަވަރުތަކުގެ ޚިދުމަތް ވަނީ ހުއްޓިފައެވެ.
ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއާއި ނޭވީ އާއި ކޯސްޓްގާޑާއި ބޯޑާ ގާޑުންނާއި ފަޔާ ސާވިސް އާއި ފުލުހުންނާއި އެންޓި ޑިސްކްރިމިނޭޝަން ސްޓޫޑަންޓް މޫވްމަންޓާއި އެންޖީއޯތަކުގެ މެމްބަރުން ވަނީ މަސައްކަތް ފަށައިފައެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!