މަކަރާއި ހީލަތުގެ މައްސަލައެއްގައި ބަޔަކު ހޯދުމަށް ފުލުހުން އިއުލާންކޮށް، އެ މީހުންގެ ވީޑިއޯ އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ މީހުންނަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ބައެއް ކަމަށެވެ.
ނަމަވެސް މިހާތަނަށް އެ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ފިހާރައެއްގެ ތެރޭގައި ތިން މީހަކު ހަރަކާތްތެރިވާ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ތިން މީހުންނަކީވެސް ދިވެހީން ކަމަށް ބެލެވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ، ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މަޢުލޫމާތު އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް އާންމުންނަށް ގޮވާލާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ތަފާތު އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިފަހުން އިތުރުވެފައިވާކަމެވެ. މިފަދަ މައްސަލަތަކުން ރައްޔިތުން ސަލާމަތްވުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރަމުން ގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!