ކަޝްމީރުގެ ޖަމްޢިއްޔަތުލް ޢުލަމާގެ ނާއިބު ރައީސް އަދި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޣުލާމް އެތާންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

ކަޝްމީރުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ މައުލާނާ ޣުލާމް ރަސޫލް ހާމީ، ކަޝްމީރުގެ އެސެމްބްލީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިކަން ކަޝްމީރުގެ މީޑިއާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

Ad
rt

ކަޝްމީރުގެ މަޝްހޫރު ނޫހެއްކަމުގައިވާ "ދަ ކަޝްމީރިއަތް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 50 އަހަރުގެ މައުލާނާ ޣުލާމް ރަސޫލް ހާމީއަކީ ސްރީނަގަރުގެ ނަމޫނާ ދީނީ ޢިލްމުވެރިއެކެވެ. އަދި އެމަނިކުފާނަކީ ކަޝްމީރު ވެލީގެ ޖަމްޢިއްޔަތުލް ޢުލަމާގެ ނާއިބު ރައީސްވެސް މެއެވެ. އެމަނިކުފާނުގެ ދަރިވަރުން ޖައްމޫ އަދި ކަޝްމީރުގެ އެކި ކަންކޮޅުތަކުގައި ތިބެއެވެ.

ކަޝްމީރުގައި ފާއިތުވި 10 އަހަރަށްފަހު ފުރަތަމަ ފަހަރަށް ބޭއްވޭ މި އިންތިޚާބު ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި މައުލާނާ ޣުލާމް ރަސޫލް ހާމީ ވާދަކުރައްވަން ވިސްނަވަނީ ބުދްގާމް ޑިސްޓްރިކްޓްގެ ބީރްވާ ދާއިރާއިން ނުވަތަ ސްރީނަގަރު ޑިސްޓްރިކްޓްގެ ޝަލްޓަންގް ދާއިރާއިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ޚަބަރާއެކު، ކަޝްމީރުގެ އެހެން ދީނީ ޖަމާޢަތްތަކާއި އިޖްތިމާޢީ ޝަޚްޞިއްޔަތުތަކުންވެސް އިންތިޚާބުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ޖަމާޢަތެ އިސްލާމީވެސް ހިމެނެއެވެ. ނަމަވެސް އެ ޖަމާޢަތުގެ މައްޗަށް އޮތް މަނާ ކުރުން އުވާލުމާ ގުޅޭގޮތުން އަދި ސަރުކާރުން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

10 އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވޭ މި އިންތިޚާބުގައި މައުލާނާ ޣުލާމް ރަސޫލް ހާމީ ބައިވެރިވެވަޑައިގަތުމަކީ ކަޝްމީރުގެ ސިޔާސީ މަޝްރަޙަށް ގެނެސްދޭނެ މުހިންމު ބަދަލެއްކަމަށް ބެލެވެއެވެ.