ޖަޕާނުގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ އޮޓާނީ ޓްރޭޑިންގ ލިމިޓެޑްގެ "ފުޑް ޓްރިޕް" ވެބްސައިޓްގައި ދިވެހިރާއްޖޭގެ އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ބުނެފިއެވެ.
އެމިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހާ ހަމައަށް، ކާބޯތަކެތީގެ އުފެއްދުންތައް އެއްވެސް ފީއަކާ ނުލައި އިސްތިހާރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެކަަމަށެވެ.
މިނިސްޓްރީން ބުނީ މިއީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ އުފެއްދުންތައް ޖަޕާނުގެ މާކެޓުގައި ވިއްކުމަށްޓަކައި އިސްތިހާރު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވިފައިވާ ރަނގަޅު ފުރުޞަތެއް ކަމަށެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި އިޢުލާނާއެކު ހިއްސާކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް، ފުޑް ޓްރިޕްގެ ޕްލެޓްފޯމް މެދުވެރިކޮށް ރެޖިސްޓްރީވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އެދިފައިވެއެވެ.
މި ފުރުޞަތަކީ ދިވެހި އުފެއްދުންތެރިންނަށް ޖަޕާނުގެ ބާޒާރުގައި ފުޅާވެ، އައު ވިޔަފާރިތަކެއް ފެށުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!