ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަންބަރަކުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފި އެވެ.
މިކަމާ ގުޅޭގޮތުން ކަމާގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށް އެ ވުޒާރާއިން ބުނެފައިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އަދި ސިފައިންގެ އިސްވެރިންގެ އިތުރުން ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައްޔިތުންނަށް ދިމާވާ އިމަރޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ މިނިސްޓްރީ އޮފް ހެލްތުންނެވެ.
މި ހެލްޕް ލައިން ގާއިމްކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
މި ހެލްޕް ލައިން ގާއިމްކުރުމުގެ މަގުސަދަކީ ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ފަސޭހައިން އެއް ނަންބަރަކުން އެހީތެރިކަން ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމެވެ. މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!