ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން އީރާނުން ހެކްކުރި ކަމަށް ބުނި ބުނުން އެމެރިކާގެ ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްފިއެވެ.

މި ހަފްތާގެ ހޯމަ ދުވަހު އެފްބީއައި އާއި، ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީ އަދި އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ދެ ޕާޓީގެ ރިޔާސީ ކެމްޕޭންތައް ހެކްކުރަން އުޅުނީ އީރާނުން ކަމަށެވެ.

Ad
rt

"މި އިންތިޚާބީ ދައުރުގައި އަޅުގަނޑުމެންނަށް ފެނިފައިވަނީ އެމެރިކާގެ އާންމުންނަށް އަމާޒުކޮށްގެން ނުފޫޒު ފޯރުވުމުގެ އޮޕަރޭޝަންތަކާއި ރިޔާސީ ކެމްޕޭންތަކަށް އަމާޒުކޮށްގެން ހިންގާ ސައިބަރ އޮޕަރޭޝަންތައް ހިމެނޭ ގޮތަށް އީރާނުން އިތުރަށް އަދަވާތްތެރި ޙަރަކާތްތަކެއް ހިންގަމުންދާ ތަން،" ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ތެރޭގައި ކުރީގެ ރައީސް ޓްރަމްޕްގެ ކެމްޕޭން ހެކްކުރަން މަސައްކަތްކުރި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އިންޓެލިޖެންސް ކޮމިއުނިޓީން މި ޙަރަކާތްތައް ނިސްބަތްކުރަނީ އީރާނަށެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އިންޓެލިޖެންސް ކޮމިއުނިޓީން ޔަގީންކަމާއެކު ބުނެފައިވަނީ އީރާނުން ވަނީ ސޯޝަލް އިންޖިނިއަރިންގ އާއި އެހެނިހެން ގޮތްގޮތުން ދެ ޕާޓީގެ ރިޔާސީ ކެމްޕޭންތަކާ ސީދާ ގުޅުންހުރި ފަރާތްތަކާ ގުޅޭތޯ މަސައްކަތްކޮށްފައި ކަމަށެވެ. މިފަދަ ޙަރަކާތްތަކުގެ ތެރޭގައި މަޢުލޫމާތު ވަގަށްނެގުމާއި ހާމަކުރުން ހިމެނޭ ކަމަށާއި، މިއީ އެމެރިކާގެ އިންތިޚާބީ ޕްރޮސެސްއަށް ނުފޫޒު ފޯރުވުމަށް ކުރާ ކަންކަން ކަމަށް ބަޔާނުގައި ވެއެވެ.

އީރާނާއި ރަޝިޔާއިން މިފަދަ ޙަރަކާތްތައް ކުރިންވެސް ހިންގާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން، މިފަދަ ޓެކްޓިކްސްތައް ބޭނުންކޮށްފައިވަނީ ހަމައެކަނި އެމެރިކާގައި މިހާރުގެ އަދި ކުރީގެ އިންތިޚާބީ ދައުރުތަކުގައި އެކަންޏެއް ނޫން ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިފަދަ ކަންކަން ކޮށްފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިއީ އައު ކަމެއް ނޫންކަމަށާއި، އިންތިޚާބީ ޕްރޮސެސްއަށް ނުފޫޒު ފޯރުވުމަށް މި ދެ ގައުމުން ކުރިންވެސް މަސައްކަތްކޮށްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ބެހޭގޮތުން އެފްބީއައިން އިތުރު ތަހްޤީޤުތައް ކުރަމުން ދާކަމަށްވެސް އެބަޔާނުގައި ބުނެފައިވެެއެވެ.