މި ސީޒަނަށް ރެއާލް މެޑްރިޑާއި ގުޅުނު ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ، ސްޕެނިޝް ލަލީގާގައި ރެއާލަށް ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ.
ރޭ ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗު ކުޅެފައި ވަނީ މަޔޯކާގެ ދަނޑުގައެވެ.
ރޭ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން މުޅި މެޗުގައި އެމްބާޕޭ ވަނީ ކުޅުނުއިރު، ލަނޑެއް ނުޖެހުނު ނަމަވެސް އޭނާ ވަނީ މަޔޯކާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ހަމަލާތައް ހުއްޓުވުމުގައި މަޔޯކާގެ ކީޕަރ ގްރެއިފް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެމްބާޕޭ ރެއާލަށް ކުޅުނު ފުރަތަމަ މެޗަކީ ޔުއެފާ ސްޕަ ކަޕް މެޗެވެ. އެ މެޗުގައި އޭނާ ލަނޑު ޖެހިއެވެ. މެޗު ކާމިޔާބުކޮށް ރެއާލުން ސްޕަ ކަޕް ހަވަނަ ފަހަރަށް ކާމިޔާބު ކުރިއެވެ.
މުޅި މެޗު ކޮންޓްރޯލްކޮށް ރެއާލުން މޮޅަށް ކުޅެފައިވާއިރު، އެ ޓީމްގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރިގޯއެވެ. މަޔޯކާގެ އޭރިއާތެރެއިން ބެކްހީލަކުން ވިނީސިއަސް ތަނަވަސް ކޮށްދިން ފުރުސަތުގައި ރޮޑްރިގޯ ވަނީ ބޯޅަ ގޯލުގެ ދުރުކަނަށް ވައްދާލާފައެވެ.
މެޗުގައި މަޔޯކާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 53 ވަނަ މިނެޓުގައި ޖަހައިދިނީ ރޭ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ވެޑަޓް މުރީޗީއެވެ. ޑެނީ ރޮޑްރިގޭޒް ނަގައިދިން ކޯނަރުން ތަނަވަސްވީ ފުރުސަތުގައި އޭނާ ވަނީ ބޮލުން ޖަހައި އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
ރޭ މެޗުގައި ރެއާލުން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލްގެ ފާލަންޑް މެންޑީ މަޔޯކާގެ މުރީޗީއަށް ގަސްތުގައި ފައުލް ކުރުމުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިއީ ފާއިތުވި ހަ ސީޒަންގެ ތެރެއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރެއާލަށް މޮޅު ނުވެވުނު ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!