އެޕަލްއިން އެންމެ ފަހުގެ އެއާޕޮޑްސް ސީރީޒް ކަމުގައިވާ އެއާޕޮޑްސް 4 އަންނަ މަހު ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބްލޫމްބާގްގެ މާކް ގުރުމަން ހާމަކޮށްފިއެވެ.
ބްލޫމްބާގްގެ "ޕަވަރ އޮން" ނިއުސްލެޓަރގައި ގުރުމަން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިފަހަރު އެއާޕޮޑްސް 4ގެ ދެ ވައްތަރެއް ނެރޭނެއެވެ. އެއީ ސްޓޭންޑަޑް މޮޑެލްއާއި އެންހޭންސްޑް އެޑިޝަންއެވެ. މި ދެ މޮޑެލް ނެރޭއިރު މިހާރު ވެސް ބާޒާރުގައި އެޕަލްގެ އެއާޕޮޑްސް 2 އަދި 3 ވިއްކަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.
އަލަށް ނެރޭ ސީރީސްގެ ސްޓޭންޑަޑް މޮޑެލްގައި ވަޔަލެސް ޗާޖިންގ ނުހިމެނޭއިރު، ޕެސިވް ނޮއިޒް ރިޑަކްޝަން ހިމެނޭނެއެވެ. އެހެންކަމުން މި މޮޑެލްއަކީ އާދައިގެ ބޭނުންތަކަށް އަމާޒުކޮށްފައިވާ، އަގުހެޔޮ އޮޕްޝަނެއް ކަމަށް ގުރުމަން ބުނެފައިވެއެވެ.
އެންހޭންސްޑް އެޑިޝަންގައި އެކްޓިވް ނޮއިޒް ކެންސަލޭޝަނާއި ވަޔަލެސް ޗާޖިންގ ފަދަ އިތުރު ފީޗަރތައް ހިމެނޭނެއެވެ. އަދި އެޕަލްގެ ޔޫ1 ޗިޕް ބޭނުންކޮށްގެން ސައުންޑް ކޮލިޓީ ރަނގަޅުކޮށްފައިވާ ކަމަށްވެސް ގުރުމަން ބުނެފައިވެއެވެ.
އެއާޕޮޑްސް 4 ނެރުމާއެކު، އެޕަލްގެ އިޔަރބަޑްސް ރޭންޖް އިތުރަށް ފުޅާވެގެންދާނެއެވެ. އަދި ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ގިނަ އޮޕްޝަންތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!