އިޒްރޭލަށް ހަތިޔާރު ވިއްކާ މައްސަލައިގައި އިނގިރޭސި ފޮރިން އޮފީހުގެ އޮފިޝަލަކު އިސްތިއުފާ ދެއްވައިފިއެވެ.
މާކް ސްމިތް ނަމަކަށް ކިޔާ މި އޮފިޝަލް ވިދާޅުވެފައިވަނީ އިނގިރޭސި ސަރުކާރުން "ހަނގުރާމައިގެ ކުށްތަކުގައި ބައިވެރިވަމުން ކަމަށެވެ.
ހުކުރު ދުވަހު އޭނާގެ އެމްބަސީގެ އެހެން މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި ވިދާޅުވެފައިވަނީ، ފޮރިން އޮފީހުގެ "ހުރިހާ ފަންތިއެއްގައި" މިކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ރަސްމީ ވިސްލްބްލޯވިންގ މެކޭނިޒަމްވެސް ހިމެނެއެވެ.
ޑަބްލިންގައި ހުންނަ ބްރިޓިޝް އެމްބަސީގައި މަސައްކަތްކުރައްވާ މާކް ސްމިތް އިތުރަށް ވިދާޅުވެފައިވަނީ، އޭނާގެ ކަންބޮޑުވުންތަކަށް އާދައިގެ ޖަވާބުތަކެއް ފިޔަވައި އިތުރު އެއްޗެއް ލިބިފައިނުވާ ކަމަށެވެ.
ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުން (އެފްސީޑީއޯ) ވަކި ފަރުދެއްގެ މައްސަލައަކާ ގުޅޭ ގޮތުން ކޮމެންޓް ކުރަން އިންކާރުކުރި ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނު ހިފެހެއްޓުމަށް ސަރުކާރުން އަޒުމް ކަނޑައަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮފިޝަލް މާކް ސްމިތްގެ އިސްތިއުފާގެ އީމެއިލް ފޮނުވާފައިވަނީ ސަރުކާރުގެ އޮފިޝަލުންނާއި، އެމްބަސީ މުވައްޒަފުންނާއި، ފޮރިން އޮފީހުގެ ވަޒީރުންގެ ޚާއްޞަ ލަފާދޭ ފަރާތްތައް ހިމެނޭ ގޮތަށް ސަތޭކަ އެތައް ބަޔަކަށެވެ.
މީގެ ކުރިން މެދުއިރުމަތީގެ ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތްކުރެއްވި ކަމަށް ބުނާ މާކް ސްމިތް ވިދާޅުވެފައިވަނީ، "ކޮންމެ ދުވަހަކު" އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ކުށްތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު "ސާފު އަދި ޝައްކެއްނެތް" ޢަމަލުތައް އެމްބަސީގެ މުވައްޒަފުންނަށް ފެންނަމުންދާ ކަމަށެވެ.
"އިސްރާއީލުގެ ސަރުކާރާއި ސިފައިންގެ އިސް ފަރާތްތަކުން ހަނގުރާމައިގެ ކުށްތައް ކުރުމުގެ ނިޔަތް ހާމަކޮށްފައިވޭ. އިސްރާއީލް ސިފައިން އާންމުންގެ މުދާ ގަސްތުގައި އަންދައި، ހަލާކުކޮށް އަދި ވަގަށްނަގާ މަންޒަރުތައް ވީޑިއޯކޮށްފައިވޭ،" އޭނާ ލިޔުއްވާފައިވެއެވެ.
މި އިސްތިއުފާއަކީ އިސްރާއީލަށް ހަތިޔާރު ވިއްކުމާމެދު ބްރިޓިޝް ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އުފެދިފައިވާ ކަންބޮޑުވުންތަކުގެ އިތުރު ހެއްކެކެވެ. ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!