އިންޑިއާގެ އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި އެގައުމުގެ ހުރިހާ ޑޮކްޓަރުން މަސައްކަތް ހުއްޓާލައި ހަޅުތާލެއް ފަށައިފިއެެވެ.

އިންޑިއާގެ ޑޮކްޓަރުން ޤައުމީ ފެންވަރުގައި މަސައްކަތް ހުއްޓާލުމުގެ ހަޅުތާލެއް ފަށައިފައިވާއިރު، މިއީ ވެސްޓް ބެންގާލުގެ ވެރިރަށް ކޮލްކަތާގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން ކުރަމުންދާ އިހުތިޖާޖު އިތުރަށް ހަރުކަށިކުރުމުގެ ގޮތުން ކުރި ކަމެއްކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Ad
rt

މި ހަޅުތާލުގައި އެއް މިލިއަނަށްވުރެ ގިނަ ޑޮކްޓަރުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. މިގޮތުން ޤައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެމަޖެންސީ ނޫން ބަލިމީހުންނަށް ޚިދުމަތް ދިނުން ހުއްޓާލާފައިވެއެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން މި މައްސަލައާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ "އަންހެނުންނަށް ރައްކާތެރި ތަންތަން ނެތުމުގެ ސަބަބުން ހިނގި ވަރަށް ބޮޑު ވަހުޝީ ޢަމަލެއް" ކަމަށެވެ. އަދި މި މައްސަލައިގައި އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ޤައުމުގެ އެހީތެރިކަމަށް އެދިފައިވެއެވެ.

މި ހާދިސާ ހިނގި ހޮސްޕިޓަލަށް ބަޔަކު ވަދެ ގެއްލުން ދިނުމާ ގުޅިގެން، މި މައްސަލައާ ދެކޮޅަށާއި އަންހެނުންގެ ރައްކާތެރިކަން އިތުރުކުރުމަށް އެދި ކުރަމުންދާ އިހުތިޖާޖުތައް ވަނީ އިތުރަށް ހަރުކަށިވެފައެވެ.

އައިއެމްއޭ އިން ބުނެފައިވާ ގޮތުގައި އެމަޖެންސީ އަދި ކެޝުއަލްޓީ ޚިދުމަތްތައް ކުރިއަށް ގެންދާނެއެވެ.

އައިއެމްއޭގެ ރައީސް އާރު.ވީ. އަސޯކަން ބީބީސީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަހަރުތަކެއް ވަންދެން ޑޮކްޓަރުންނަށް ކުރަމުން އައި އަނިޔާކުރުމާ ދެކޮޅަށް އިހުތިޖާޖުކުރަމުން އަންނަ ކަމަށާއި، ނަމަވެސް މި ހާދިސާއަކީ "ފެންވަރުގެ ގޮތުން ތަފާތު" ހާދިސާއެއް ކަމަށެވެ. ބޮޑު ސިޓީއެއްގެ މެޑިކަލް ކޮލެޖެއްގައި މިފަދަ ކަމެއް ހިނގުމުން ދައްކުވައިދެނީ"ހުރިހާ ތަނެއްގައިވެސް ޑޮކްޓަރުން ރައްކާތެރިކަމެއް ނެތް" ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން މި ހަފްތާގެ ކުރީކޮޅު އިޢުލާނުކޮށްފައިވަނީ، މި ޙަރަކާތުގައި ބައިވެރިވުމުގެ ގޮތުން އިޚްތިޔާރީ (އެލެކްޓިވް) ޕްރޮސީޖަރތައް މުއްދަތެއް ނެތް ގޮތަށް ހުއްޓާލާނެ ކަމަށެވެ.