ސްޕެނިޝް ލަލީގާގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ސީޒަންގެ ފުރަތަމަ މެޗުގައި ބާސާ ރޭ ރަށުން ބޭރުގައި ނުކުތީ ވެލެންސިއާއާއި ދެކޮޅަށެވެ. ވެލެންސިއާއިން ލަނޑެއް ޖަހާފައި ވަނިކޮށް ބާސާއިން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން (2-1) މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފައެވެ.

Ad
rt

ބާސާގެ ފުރަތަމަ އެގާރާގައި އާންމުކޮށް ކުޅެމުން އަންނަ ފްރެންކީ ޑި ޔޮން، ގަވީ، އަރައުހޯގެ އިތުރުން ގުންޑޮގަން މިވަގުތު ތިބީ އަނިޔާގައެވެ. ވުމާއިއެކު ރޭ މެޗަށް ބާސާ ނުކުތީ މި ކުޅުންތެރިން ނުލައެވެ.

ފުރަތަމަ ހާފުގައި ވެލެންސިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ލަނޑު ވެސް ޖެހީ އެ ޓީމުންނެވެ. މެޗުގެ 44 ވަނަ މިނެޓުގައި ޑިއެގޯ ލޮޕޭޒް ބާސާގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހޫގޯ ޑޫރޯ ވަނީ ވެލެންސިއާއަށް ލީޑު ނަގައިދީފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސްމިނެޓްގެ ތެރޭ ވެލެންސިއާއަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ޑޫރޯއަށް ލިބުނެވެ. އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލަށް ވަދެވަދެ އޮއްވައި ގޯލު ލައިން މަތިން ކްލިއާ ކޮށްލީ ބާސާގެ ޒުވާން ޑިފެންޑަރ ކުބާސީއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސްމިނެޓްގެ ފަހު ވަގުތުގައި ލެމީން ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލެވަންޑޯސްކީ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ބާސާއަށް ލިބުނު ޕެނަލްޓީން ލަނޑުޖަހައި ބާސާއަށް ލީޑު ނަގައިދިނީ ލެވަންޑޯސްކީއެވެ. ބާސާއަށް މި ޕެނަލްޓީ ލިބިފައިވަނީ ވެލެންސިއާގެ އޭރިއާ ތެރެއިން އެ ޓީމްގެ ކްރިސްޓިއަން މޮސްކްއޭރާ ރަފީނިއާއަށް ކުރި ފައުލަކާއި ގުޅިގެންންނެވެ.

މިއީ މި ސީޒަނަށް ބާސާއާއި ހަވާލުވި ޖަރުމަނުގެ ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.