އިންޑިއާގެ ކަލްކަތާގެ ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް މީހަކު ހައްޔަރުކޮށްފިއެވެ.

ކޮލްކަތާގެ އާރް.ޖީ. ކާރު މެޑިކަލް ކޮލެޖުގައި މަސައްކަތްކުރި ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރެވުނު މީހާއަކީ ސަންޖޮއި ރޯއި ކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad
rt

ރޯއި އަކީ އާރް.ޖީ. ކާރު މެޑިކަލް ކޮލެޖުގެ މުވައްޒަފެއް ނޫނެވެ. ނަމަވެސް އޭނާ އަކީ އެތަނަށް އަބަދުވެސް ޒިޔާރަތްކުރާ މީހެކެވެ. އޭނާ ހައްޔަރުކުރީ ހޮނިހިރު ދުވަހުއެވެ. އޭނާގެ މައްޗަށް ބަރަތިޔާ ނިޔާޔާ ސަންހިތާގެ 64 ވަނަ މާއްދާ (ރޭޕް) އަދި 103 ވަނަ މާއްދާ (މަރުގެ ކުށް) ގެ ދަށުން ދަޢުވާ އުފުލައި، 14 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވެއެވެ.

ތަޙްޤީޤުން ހާމަވެފައިވާ ގޮތުގައި ރޯއި ވަނީ ޑޮކްޓަރަށް އަނިޔާކޮށް، ޖިންސީ ގޯނާކުރުމަށްފަހު އަނގަ ބަންދުކޮށް ކަރުގައި ހިފައި މަރާލާފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ވަނީ އެމެޖެންސީގައި ދެވޭ ޚިދުމަތްތައް ނޫން އެހެން ހުރިހާ މެޑިކަލް ޚިދުމަތްތައް މެދުކަނޑާލާފައެވެ. ނަމަވެސް ޖޭ.ޕީ. ނައްދާއާ އެކު ބޭއްވުނު ބައްދަލުވުމަކަށްފަހު އެ ޚިދުމަތްތައް އަލުން ފަށާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ބުދަ ދުވަހު ވަނީ މި މައްސަލައިގެ ތަޙްޤީޤު ކޮލްކަތާ ފުލުހުންގެ އަތުން ސީ.ބީ.އައި އަށް ބަދަލުކޮށްފައެވެ. އަދި ސީ.ބީ.އައި ގެ އިސް އޮފިޝަލުންނާއި، މެޑިކަލް އަދި ފޮރެންސިކް މާހިރުން ހިމެނޭ ޓީމެއް ވަނީ ކޮލްކަތާއަށް ފޮނުވާފައެވެ.

މި މައްސަލައާ ގުޅިގެން ބްރަހަސްޕަތި ދުވަހުގެ މެންދަމު ގާތްގަނޑަކަށް 12:40 ގައި ގިނަޢަދަދެއްގެ ބަޔަކު އާރް.ޖީ. ކާރު މެޑިކަލް ކޮލެޖަށް ވަދެ ވަނީ ހޮސްޕިޓަލުގެ މުދަލަށް ގެއްލުން ދީފައިވެއެވެ. މި ހާދިސާ ހިނގީ ޑޮކްޓަރު މަރާލި މައްސަލައާ ގުޅިގެން "ރިކްލެއިމް ދަ ނައިޓް" ގެ ނަމުގައި އަންހެނުން ކުރަމުންދިޔަ މުޒާހަރާއެއްގެ ތެރޭގައެވެ.

ބީ.ޖޭ.ޕީގެ އިސް ލީޑަރު ސުވެންދު އަދިކާރީ ވަނީ މި ހަމަނުޖެހުން ހިންގީ ޓީ.އެމް.ސީގެ "ގުންޑާއިން" ކަމަށާއި އެމީހުން ފޮނުވީ ޗީފް މިނިސްޓަރ މަމަތާ ބެނަރޖީ ކަމަށް ތުހުމަތުކޮށްފައެވެ.

މި ހާދިސާއަކީ އިންޑިއާގެ މެޑިކަލް ދާއިރާގައި ބޮޑު ހަލަބޮލިކަމެއް އުފެދިފައިވާ މައްސަލައެކެވެ. އަދި މިކަމާ ގުޅިގެން ޑޮކްޓަރުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުންތައް އުފެދިފައިވެއެވެ.