މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިފޮޓޯތައް ހާމަކުރަމުން ފުލުހުން ބުނެފައިވަނީ މިއީ ހަށިގަނޑަށް ގެއްލުން ލިބޭ ޤނޫނާއި ޚިލާފު އަދި ފަކުރު އެއްޗެއްކަމުން ބޮގަރު ބުއިން ހުއްޓާލައި މިފަދަ ކަންކަން ނުކުރުމަށް އެދިފައެވެ.
މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ވެލިދޫ ފަޅު ގެއެއްގައި ބަނގުރާ ކައްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ރޭގެ 20:00 ހާއިރުއެވެ.
މި އޮޕަރޭޝަނުގައި، ފުލުހުން އެ ގެއަށް ވަދެ ބަލައި ފާސްކުރިއިރު އެގޭ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ލީޓަރުގެ ފުޅިއަކާއި ބަނގުރާކަމަށް ބެލޭވޭ އެއްޗެއްހުރި ބިއްލޫރި ދެ ފުޅިއާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ޑަބިޔަލަކާއި 20 ލީޓަރުގެ ހަމެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!