އެފްރިކާގައި މިހާރު ފެތުރެމުންދާ މަކުނު ވިދުރީގެ އާ ވޭރިއެންޓް، އެ ބައްރުން ބޭރު ޤައުމަކުން ފުރަތަމަ ފަހަރަށް ފާހަގަކުރެވިއްޖެއެވެ.
މި އާ ވޭރިއެންޓް ކަމަށްވާ އެމްޕޮކްސް ކްލޭޑް 1 ވޭރިއެންޓް ފެނިފައިވަނީ ސްވިޑެންއިންނެވެ.
ސްވިޑެންގެ ޕަބްލިކް ހެލްތު އޭޖެންސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ޤައުމުގެ މީހަކަށް މި އާ ވޭރިއެންޓް ޖެހިފައިވާކަން ކަށަވަރުވެފައިވެއެވެ. އަދި މި ފަރާތަށް ބަލި ޖެހުނީ އެފްރިކާގައި މިހާރު މި ބަލި ފެތުރެމުންދާ ޤައުމަކަށް ދަތުރުކުރުމަށްފަހު ކަމަށް ބެލެވެއެވެ.
އިތުރު މަޢުލޫމާތު ދެމުން އެ އޭޖެންސީން ވިދާޅުވީ، ބަލި ޖެހިފައިވާ މީހާ މިހާރު ފަރުވާ ހޯދަމުންދަނީ ސްވީޑެންގެ ވެރިރަށް ސްޓޮކްހޯމް ސަރަހައްދުން ކަމަށާއި، އޭނާގެ ފަރާތުން އާންމު މުޖުތަމަޢަށް ނުރައްކަލެއް ނެތް ކަމަށެވެ.
މަކުނު ވިދުރި ފެތުރެނީ ބަލި ޖެހިފައިވާ މީހަކާ ގައިގޯޅިވެ އުޅުމުންނެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ގާތުން ވާހަކަދެއްކުމުން ވެސް ބަލި ފެތުރުމުގެ ނުރައްކާ އޮތްކަން ފާހަގަކުރެވެއެވެ.
މި ބަލި ފެތުރެމުންދާލެއް ހަލުވި ކަމާއެކު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިންވަނީ ދުނިޔޭގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!