މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުޅުމާލޭގައި ބިނާކުރާ ވަޤުފް ޢިމާރާތް، ދާރުއްސަލާމް އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.

ވަޤުފުތައް އިތުރުކުރުމުގެ މަޤުޞަދުގައި ހުޅުމާލެ ފޭސް 1 ގައި "ދާރުއް ސަލާމް" ގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފިނޭންސްގެ އުޞޫލުންނެވެ.

Ad
rt

މިކަމަށް ޝައުގުވެރިވެލައްވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް މިނިސްޓްރީން އެދިފައިވެއެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2024 ސެޕްޓެންބަރު 8 ވާ އާދިއްތަ ދުވަހުގެ 11:00 ގައެވެ.

ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑު ވަޤުފް ޢިމާރާތް، ދާރުއްސަލާމް ގާއިމު ކުރެވިގެން ދާނީ ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރާ އޮފީސް ކޮންޕްލެކްސްގައިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓަކީ 205 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އަދި އެތަން ގާއިމް ކުރެވިއްޖެނަމަ ރާއްޖޭގެ އިސްލާމީ ކަންކަން ކުރުމަށް ދިމާވާ މާލީ ދަތިކަން ހައްލުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކާއި އެއްގޮތުގެ މަތިން ވަގުފް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، އެ އިމާރާތުގެ ބިންގާ މިއަހަރު ތެރޭގައި ނިމިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.