ރާއްޖޭގެ ރަށްރަށުގެ މަގުބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ފެއްތުމަށް ކައުންސިލްތަކަށް ދެވިފައިވާ މުއްދަތު، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރުކޮށްދީފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، ރަށްރަށުގައި ކުރިއަށް ގެންދެވުނު އިންސްޕެކްޝަނަކުން ފާހަގަކުރެވުނީ 144 ރަށެއްގެ މަގުބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭކަމެވެ. މި ކަން އިސްލާހުކުރުމަށް އިތުރު ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވަނީ، ރަށްރަށުގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އިސްލާހުކުރުމަށް ދެވިފައިވާ މުއްދަތު 2024 ވަނަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ ކައުންސިލްތަކަށް މިހާރު ދެވިފައިވާ މުއްދަތުގައި މި މަސައްކަތް ނިންމުމަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ރައީސް އޮފީހުގެ ލަފާގެ މަތިން ޔޫއާރުއޭ އިން ކުރިން ދީފައިވާ މުއްދަތު އިތުރުކުރުމާ ގުޅިގެންނެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަގުބައްތިތަކުގައި އީއެލްސީބީ (އާރތް ލީކޭޖް ސަރކިޓް ބްރޭކަރ) ހަރުކުރުމަކީ މުހިންމު ކަމެކެވެ.
ރަށްރަށުގެ އިޖުތިމާޢީ ބޭނުންތަކަށް މަގުމައްޗާއި ބަނދަރުގައި ބެހެއްޓިފައިވާ މަގުބައްތިތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ވަނީ ވަކި މިންގަނޑުތަކެއް ކަނޑައަޅައި، އެ މިންގަނޑުތަކަށް ފެއްތުމަށް ކުރިން ވެސް ދެ ފަހަރެއްގެ މަތިން މުއްދަތެއް ދީފައެވެ. ނަމަވެސް، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ފާހަގަކުރެއްވި ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަސައްކަތް ފުރިހަމަކުރުމަށް ކައުންސިލްތަކުގެ ބަޖެޓުގައި އެކަށީގެންވާ ފައިސާ ހިމެނިފައިނުވާތީ، މި މަސައްކަތް ނިންމުމަށް އިތުރު ވަގުތު ބޭނުންވެއެވެ.
ރަށްރަށުގެ މަގުބައްތިތައް ސަލާމަތީ މިންގަނޑާ އެއްގޮތަށް ހުރިތޯ ބެލުމުގެ މަސައްކަތް ފެށިފައިވަނީ ރ. އުނގޫފާރުގައި ހިނގި ހިތާމަވެރި ހާދިސާއަކާ ގުޅިގެންނެވެ. މަގުބައްތިއެއް ހުރި ދިމާލުގައި އޮތް ފެންގަނޑެއް ތެރޭ ކުޅެން އުޅުނު ކުޑަ ދެ ކުއްޖެއްގެ ގައިގައި ކަރަންޓު ޖެހުމުން، އެ ކުދިން ސަލާމަތް ކުރަން އެ ފެންގަނޑަށް އެރުނު 18 އަހަރުގެ ހުސައިން އަތީކު ކަރަންޓް ޖެހި، ފަރުވާ ދެނިކޮށް ވަނީ މަރުވެފަ އެވެ.
ގިނަ ރަށްރަށުގެ މަގުބައްތިތަކަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ. އެކަަމަކު އެެ އެއްޗެހި ބަލަހައްޓަނީ ރަށު ކައުންސިލުތަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!