މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ނަޖިސް ބޭރުވުމާއި ފެން ހަރުލުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.
އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ، ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި، ސެޕްޓިކް ޓޭންކްތައް އޯވަރފްލޯވުމުގެ ސަބަބުން ނަޖިސް ބޭރުވުމާއި، އަދި ފެން ހަރުލުމުގެ ސަބަބުން އެކި ބާވަތުގެ ބަލިތައް ފެތުރުމުގެ ފުރުސަތު އިތުރުވެފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ ބޭރަށްހިންގުމާއި، ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ ބަލިތަކާއި، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ފަދަ ބަލިތަކެވެ. މި ބަލިތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރައްވައި، އެޗްޕީއޭ އިން ވަނީ މި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
1. ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންގަނޑަށް ނޭރުން، ޚާއްޞަކޮށް ކުޑަކުދިން ފެންގަނޑަށް އަރައި ނުކުޅުން.
2. ފެންގަނޑަށް އަރަން ޖެހިއްޖެ ހާލަތެއްގައި ފެނުން ރައްކާތެރިވާ ފަދަ ތަކެތި ބޭނުންކުރުން.
3. ހަންގަނޑުގައި ފާރުގަނޑެއް ހުރިނަމަ ފެނަށް ނޭރުން.
4. ފެން ހިންދުމާއި ސާފުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން.
5. ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން.
6. ފެނުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުން ނުކުރުން.
7. ގޯތިތެރެ ނުވަތަ ދަނޑުގައި ފެންބޮޑުވެފައިވާނަމަ، އެތަނުގައި ހައްދާފައިވާ ގަސްގަހުގައި އެޅިފައިވާ ކާބޯތަކެތި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވުން.
8. ގޯތި ތެރޭގައި އަދި ދަނޑުގައި ފެންބޮޑުވެފައިވާނަމަ، ހައްދާފައިވާ ގަހުގައި އެޅި ކާބޯތަކެތި ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ދޮވުން
9. ބުއިމަށާއި، ކެއްކުމަށް އަދި ތަށިދޮވުމަށް ކެއްކި ވާރޭފެން، ސަޕްލައި ފެން ނުވަތަ ފުޅީގައި ބަންދުކުރެވިފައިވާ ފެން ބޭނުންކުރުން. އަދި ސެޕްޓިކް ޓޭންކް އޯވާފްލޯ ވެފައިވާނަމަ، ވަޅުފެން ބޭނުން ކުރުމުގެ ކުރިން ކްލޮރިން ކުރުން ނުވަތަ ރަނގަޅަށް ކައްކައިގެން ފެން ބޭނުން ކުރުން
10. ފެނާއި ކާބޯތަކެތި އަދި ބޭސް ރައްކާތެރިކޮށް ބެހެއްޓުމާއި ފެން ހިމްދުމަށްފަހު ގޭތެރެ ސާފު ކުރުމާއި ބެހޭގޮތުން އެޗްޕީއޭއިން އާއްމުކޯށްފައިވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުން
11. ގެއާއި ގޯތިތެރޭގައި އަދި އާއްމު ތަންތަނުގައި ފެން ހަރުލާފައިވާ ތަކެތިން ފެން ހުސްކޮށް، ފެން ހަރުނުލާނޭހެން ބަންޑުން ޖަހައި ނުވަތަ މަތި ޖަހައި ނުވަތަ ސަތަރިއެއް ފަދަ އެއްޗެއް އަޅައި ބަންދުކުރުން. ނުވަތަ ފެން ނޭޅޭނެ ތަނަކަށް ބަދަލުކުރުން. މަތިޖަހާއިރު ނުވަތަ ސަތަރި އަޅާއިރު، ސަތަރީގެ ނުވަތަ މަތިގަނޑުގައި ވެސް ފެން ހަރުނުލާނޭކަން ކަށަވަރު ކުރުން
12. ދިޔަދޮވި ބެދުނަ ނުދީ ސާފުކުރުން
އެޗްޕީއޭއިން ވަނީ މިކަންކަމަށް ސަމާލުވެ އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނި، ހާލަތު ގޯސްވާނަމަ، ލަސްނުކޮށް ސިއްހީ ލަފާހޯދުމަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!