ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގައި މިއަދު ހެނދުނު 8:15 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ޤައުމީ ދިދަ ނެންގެވީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރެވެ.
ކޮންމެ އަހަރަކުވެސް ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން، ޕާކިސްތާނުގެ މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަކުރެއެވެ. މިގޮތުން މިއަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ މި ދިދަ ނެގުމުގެ ރަސްމިއްޔާތާ އެކުގައެވެ.
ޕާކިސްތާނަކީ 1947 ވަނަ އަހަރުގެ އޯގަސްޓް 14 ވަނަ ދުވަހު މިނިވަން ދައުލަތަކަށް ވެފައިވާ ޤައުމެކެވެ. މި މިނިވަންކަން ލިބުނީ އިނގިރޭސިވިލާތުގެ އަތްދަށުން އިންޑިއާ މިނިވަންވުމާ ގުޅިގެންނެވެ. އިންޑިއާގެ މުސްލިމުން ވަކި މުސްލިމު ދައުލަތެއް އުފެއްދުމަށް ބޭނުންވުމާ ގުޅިގެން، އިނގިރޭސި ޕާލިމަންޓުން ފާސްކުރި، އިންޑިއާއަށް މިނިވަންކަން ދިނުމާބެހޭ ޤާނޫނުގެ ދަށުން، ޕާކިސްތާނާއި އިންޑިއާ ވަކި މިނިވަން ދައުލަތްތަކެއްގެ ގޮތުގައި އުފެދުނެވެ.
އިންޑިއާގެ މިނިވަންދުވަހަކީ އޯގަސްޓް 15 ކަމުގައި ހަމަޖެހުނު އިރު، ޕާކިސްތާނުގެ މިނިވަންދުވަހަކީ އޭގެ ކުރީ ދުވަސް ކަމުގައިވާ އޯގަސްޓް 14 ކަމުގައި ކަނޑައެޅުނެވެ. މިއަދާ ހަމައަށްވެސް މި ދެ ޤައުމުން އެ ދުވަސްތައް ފާހަގަކުރަމުން ގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!