މޯލްޑިވްސް އިމިގްރޭޝަނުން އިޢުލާނުކުރައްވާފައިވާ ގޮތުގައި، ބިދޭސީން ދިވެހިރާއްޖެއަށް ދަތުރުކުރާއިރު "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ފުރުމުގެ ޝަރުޠު އުވާލައްވާފައިވެއެވެ. މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އެންމެހައި ފަރާތްތަކަށް ދަތުރުފަތުރުގެ އިންތިޒާމުތައް ލުއިފަސޭހަކުރެއްވުމުގެ ސިޔާސަތުގެ ދަށުން އެޅުއްވި ފިޔަވަޅެކެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ބޯޑަރު ސަލާމަތްތެރިކޮށް ބެލެހެއްޓުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު "ޓްރެވަލް ހެލްތު ޑެކްލަރޭޝަން" ފޯމެއް ތަޢާރަފުކުރެވުނެވެ. މީގެ ފަހުން، 2021 ވަނަ އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހު މި ފޯމު އޮންލައިންކޮށް ފުރިހަމަކުރެވޭ އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ފޯމަކަށް ބަދަލުކުރެވި، އޭގެ ނަން "ޓްރެވެލަރ ޑެކްލަރޭޝަން" އަށް ބަދަލުކުރެވުނެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ރާއްޖެއިން ބޭރަށް ފުރާ އަދި ރާއްޖެއަށް އަނބުރާ އަންނަ ދިވެހި ރައްޔިތުންނަށްވެސް މި ފޯމު ފުރިހަމަކުރުމުގެ ޝަރުޠު އުވާލެވުނެވެ. މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރާ އެއްވެސް ފަރާތަކުން ޓްރެވެލަރ ޑެކްލަރޭޝަން ފޯމު ފުރިހަމަކުރާކަށް ނުޖެހޭނެއެވެ.
އެހެންނަމަވެސް، އިމިގްރޭޝަނުން އަންގަވާފައިވާ ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ބިދޭސީ ފަރާތްތަކުން ކުރިއެކޭ އެއްގޮތަށް ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިން ޓްރެވެލަރ ޑެކްލަރޭޝަން ފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
ބިދޭސީން ދަތުރުކުރާއިރު "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ފުރަން ނުޖެހޭގޮތަށް ނިންމަވާފައިވާއިރު، އިމިގްރޭޝަންގެ އަމާޒަކީ ޚިދުމަތްތައް ހަރުދަނާކޮށް ދަތުރުފަތުރު ކުރާ އެންމެހާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!