ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދީ އެއްދަންފަޅިއަށް ކިޔަވައިދިނުމަށް މާލޭ ސަރަޙައްދުގައި ހުޅުވާ ފުރަތަމަ ސްކޫލް އިއްޒުއްދީން ސްކޫލް ހުޅުވައިފިއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު އިއްޒުއްދީން ސްކޫލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްއެވެ.

ދިރާސީ އަހަރުގެ ކިޔެވުން އެ ސްކޫލްގައި ފެށީ 240 ކުދިންނާއެކުގައެވެ. އަދި މި ކުދިންނަށް ކިޔަވައިދިނުމަށް 26 މުދައްރިސުން ހަރަކާތްތެރިވަމުންދާނެއެވެ.
ޢިއްޒުއްދީން ސްކޫލަކީ ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ސްކޫލެއް ނަމަވެސް، މިއަހަރު ކިޔަވައިދޭނީ ގްރޭޑް 1 އިން ފެށިގެން 6 އަކާއި ހަމައަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ގްރޭޑް 1 އިން 4 އަކަށް ކޮންމެ ގްރޭޑެއްގައި 3 ކްލާސް ރޫމް އަދި ގްރޭޑް 5 އަދި 6 ގެ ކޮންމެ ގްރޭޑެއްގައި 2 ކްލާހުގައި ކިޔައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ސްކޫލްގައި ކޮންމެ ކްލާހެއްގައި ގިނަވެގެން ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 25 ކުދިންނަށެވެ.

Ad
rt
އިއްޒުއްދީން ސްކޫލް ހުޅުވުން-ފޮޓޯ:ރައީސް އޮފީސް

މި ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވަނީ އިއްޒުއްދީން ސްކޫލްއާއެކު މާލޭގައި 16 ސްކޫލެއް ހުންނާނެކަން ފަހާގަކުރައްވާފައެވެ. މިނިސްޓަރ ވަނީ ކުރިއަށް އޮތް ދެތިން އަހަރު އިއްޒުއްދީން ސްކޫލްއަކީ ސަރަހައްދުގެ ގަދަ ތިނެއްގައި ހިމެނުމަށް ދަރިވަރުންނާއި މުވައްޒަފުން ގަދަ އަޅާ މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި އިއްޒުއްދީން ސްކޫލްއަކީ މޮޅު ދަރިންތަކެއް އުފައްދާ ކާމިޔާބު ސްކޫލަކަށް ނުހެދެންވީ އެއްވެސް ސަބަބެއްނަތްކަން ފާހަގަކުރައްވާފައެވެ.

ޢިއްޒުއްދީން ސްކޫލަށް ކުދިން ވެއްދުމުގައި ޢަމަލު ކޮށްފައިވަނީ މާލޭ އެހެން ސްކޫލްތަކަށްވެސް ކުދިން ވެއްދުމުގައި ޢަމަލުކުރާ އުޞޫލުން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިއްޒުއްދީން ސްކޫލް ހުޅުވުން-ފޮޓޯ:ރައީސް އޮފީސް

ކުރީގެ އީ.ޕީ.އެސް ސްކޫލް ހުރި ޢިމާރާތުގައި ޢިއްޒުއްދީން ސްކޫލުގެ ނަމުގައި އައު ސްކޫލެއް ހުޅުވާފައިވާއިރު އެ އިމާރާތް މިހާތަނަށް ބޭނުންކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ބައެއް ފެކަލްޓީތައް ހިންގުމަށެވެ.

ޢިއްޒުއްދީން ސްކޫލް ހުޅުވުމަށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް އެ މިނިސްޓްރީން ދުރާލާ ކުރަންފަށާ ވަނީ ނިންމާފައެވެ. އަދި އެ މަސައްކަތަށް 20.2 މިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އިއްޒުއްދީން ސްކޫލްއަކީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި 750 ދަރިވަރުންގެ ޖާގައިގެ ސްކޫލްކެވެ.

އިއްޒުއްދީން ސްކޫލް ނިސްބަތްކޯށްފައިވަނީ ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާނުލް ޣާޒީ ހަސަންއިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށް ނިސްބަތްކޮށެވެ.

ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި މިހާރުވެސް ވަނީ ދެ ސްކޫލެއް އެޅުމަށް ނިންމާފައެވެ. އެއީ ވިލާކޮލެޖް ކުރިމަތީގައި އޮންނަ ހުސްބިމުގައި އެޅުމަށް ނިންމާފައިވާ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ ސްކޫލެވެ. އެގޮތުން ދަރުމަވަންތަ ސްކޫލް އެޅުމަށް 65 މިލިޔަން ރުފިޔާ އަދި ހުޅުމާލޭގައި އިމާރާތްކުރާ ސްކޫލަށް 54 މިލިޔަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައެވެ.