މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރުމަށް ގޮވާލައި ހުޅަނގުގެ ބޮޑެތި ބާރުތަކުން ބަޔާނެއް ނެރެއްފިއެވެ.
މެދުއިރުމަތީގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ހަމަޖެހުމަށް ގޮވާލައި ބަޔާނެއް ނެރެފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތް ގުޅިގެންނެވެ. މި ބަޔާނުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި ރަހީނުން ދޫކޮށްލުމަށް ކުރެވޭ މަސައްކަތްތަކަށް ފުރިހަމަ ތާއީދު އޮތްކަން ފާހަގަކޮށްފައިވެއެވެ.
މި ބަޔާނުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން، މިޞްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ އަދި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީ ގުޅިވަޑައިގެން އެކުލާވާލެއްވި އެއްބަސްވުމަށް ތާއީދުކުރާކަމަށް ބުނެފައިވެއެވެ. އެއީ މި ހަފްތާގެ ފަހުކޮޅު އަލުން މަޝްވަރާތައް ފެށުމަށާއި ވީހާވެސް އަވަހަކަށް އެއްބަސްވުމަކަށް ވާސިލުވުމަށް ގޮވާލައިފައިވާ ގޮވާލުމެކެވެ.
މީގެ އިތުރުން، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލުމުގެ މުހިންމުކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އިސްރާއީލަށް އީރާނުން ކުރިމަތިކުރުވާފައިވާ ނުރައްކަލާ ދެކޮޅަށް އިސްރާއީލް ދިފާއުކުރުމަށް ތާއީދުކުރާކަމަށްވެސް ބުނެފައިވެއެވެ.
އީރާނުން އިސްރާއީލަށް ދެމުންދާ އިންޒާރުތައް ހުއްޓާލުމަށް ގޮވާލައި، އެފަދަ ހަމަލާއެއް ދިނުމުން ސަރަހައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާނެކަމަށް ވެސް އެ ބަޔާނުގައި އިންޒާރުދީފައިވެއެވެ.
ފާއިތުވި މަހު ތެހެރާނުގައި ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލައިގައި އިސްރާއީލަށް ހަމާސްއާއި އީރާނުން ތުހުމަތުކޮށް ބަދަލުހިފާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް މި މައްސަލައިގައި އިސްރާއީލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!