ޣައްޒާއަށް އިޒްރޭލު ސިފައިން ހުއްޓުމެއްނެތި ހަމަލާ ދެމުންދާތާ 311 ދުވަސް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 16،500 ކުޑަކުދިން ޝަހީދުވެފައި ވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ޖުމްލަ 39،897 މީހުން ވަނީ މިހާތަަނަށް ޝަހީދުވެފައެވެ. މީގެ އިތުރުން ފަލަސްތީނުގެ 10،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިހަނގުރާމައިގައި ޝަހީދުވި ކުޑަކުދިންގެ ތެރެއިން 36 ކުދިން މަރުވެފައިވަނީ ބަނޑުހައިހޫނުކަމުގައެވެ. އަދި 11،088 އަންހެނުންނާއި، 885 މެޑިކަލް ސްޓާފުންނާއި، 79 ސިވިލް ޑިފެންސްގެ އޮފިޝަލުންނާއި، 168 ނޫސްވެރިން ވެސް ވަނީ ހަނގުރާމަ ތެރޭގައި މަރުވެފައެވެ. މީގެ އިތުރުން 310 ސިއްޙީ އޮފިޝަލުން ވަނީ އިޒްރޭލުން ހައްޔަރުކޮށްފައެވެ.
ހޮސްޕިޓަލުތަކުގެ ގޯތިތެރެއިން ގަނޑުކޮށް މީހުން ވަޅުލާފައިވާ 7 ވަޅު ފެނި، މިތަންތަނުން 520 ގަބުރު ވަނީ ހޯދިފައެވެ. އަދި މިހާތަނަށް 92،125 މީހުން ވަނީ ޒަޚަމްވެފައެވެ. ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންގެ 69 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
އެ ތަފާސްހިސާބުތަަކަށް ބަލާއިރު، އިޒްރޭލު ސިފައިން ވަނީ ޣައްޒާގެ މީހުންދިރިއުޅޭ 175 އިމާރާތްތަކަށް ހަމަލާދީފައެވެ. އަދި މިހާރު 17،000 ކުދިން އުޅެމުންދަނީ އެކުދިންގެ އާއިލާއާ ވަކިންނެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ވަނީ ނިކަމެތި ހާލަތަކަށް ވެއްޓިފައެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވަނީ މަރުވެފައެވެ. މި ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލަމުންދާއިރު، އަދިވެސް ހަމަލާތައް ހުއްޓިފައިނުވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!