ޔުކްރެއިންގެ ދެކުނު ސަރަހައްދުގައި އޮންނަ ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޔުކްރެއިން ސިފައިން ހަމަލާދީފީއެވެ.

ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަރ ޕަވަރ ޕްލާންޓް ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޔުކްރެއިން ސިފައިން ދިން ހަމަލާއާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަރިއާ ޒަކަރޯވާ ވަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފަ އެވެ.

Ad
rt

އޭނާ މި ހަމަލާ ސިފަކޮށްފައިވަނީ "ޔޫރަޕު ބައްރުގައި ނިއުކްލިއަރ ޓެރަރިޒަމް" ގެ ގޮތުގައެވެ.

ޓާސް އިން ރިޕޯޓުކުރި ގޮތުގައި މި ހަމަލާގައި ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓުގެ އިންފްރާސްޓްރަކްޗަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހަމަލާ ދީފައިވަނީ ކަމިކާޒީ ޑްރޯނެއް ބޭނުންކޮށްގެން ކަމަށް ޕަވަރ ޕްލާންޓުގެ އޮފިޝަލުން ބުނެފައިވެއެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން ވެސް ވަނީ ހަމަލާއެއް ދީފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އައިއޭއީއޭ އިން ބުނެފައިވަނީ އެ ތަނުގައި އިއްޔެ ހަވީރު ގަދަ އަޑުތަކެއް އިވުމަށްފަހު ޕަވަރ ޕްލާންޓުގެ އުތުރު ސަރަހައްދުން ކަޅު ދުން އާރާފައިވާ ކަމަށެވެ.

ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓުގައި ހިނގި އަލިފާނުގެ ހާދިސާގެ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައެވެ. ނަމަވެސް އަލިފާން ރޯވީ ޔުކްރެއިން ސިފައިންގެ ހަމަލާއަކާ ގުޅިގެންކަން އޭނާ ފާހަގަކޮށްފައެއް ނުވެއެވެ.

ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަރ ޕަވަރ ޕްލާންޓް ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓް ހުންނަ ސަރަޙައްދަކީ ޔޫކްރެއިންގެ ސަރަޙައްދަކަށްވާއިރު، އެސަރަޙައްދަކީ މިހާރު ރަޝިއާ ސިފައިން ކޮންޓްރޯލް ކުރަމުން ގެންދާ ސަރަޙައްދެކެވެ.