ޔުކްރެއިންގެ ހަނގުރާމައަށް އިންޑިއާގެ ރައްޔިތުން ވައްދަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ރަޝިއާގެ އެމްބަސީން ބުނެފިއެވެ.

އިންޑިއާގެ ނިއުދިއްލީގައި ހުންނަ ރަޝިއާގެ އެމްބަސީން މިހެން ބުނެފައިވަނީ ބައެއް އިންޑިއާ ރައްޔިތުން ރަޝިއާގެ ސިފައިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ނޫސްތަކުގައި ޚަބަރު ޝާއިޢުވުމާ ގުޅިގެންނެވެ.

Ad
rt

އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ ރަޝިއާގެ ސިފައިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ބައެއް އިންޑިއާ ރައްޔިތުން ޔުކްރެއިންގެ ހަނގުރާމައިގައި މަރުވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިންޑިއާ ސަރުކާރަށާއި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، އަމިއްލަ އިޚްތިޔާރުގައި ރަޝިއާގެ ސިފައިންގެ ގޮތުގައި ވަޒީފާ އަދާކުރަން ދިޔަ އިންޑިއާގެ ރައްޔިތުން އަނބުރާ ފޮނުވާލުމަށް ދެ ގައުމުން ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްބަސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރަޝިއާގެ އެމްބަސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ރަޝިއާގެ ސިފައިންގެ ގޮތުގައި މަސައްކަތްކުރަން ދިޔަ އިންޑިއާގެ ރައްޔިތުންނާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހާމަވެފައިވެއެވެ. މި މީހުންގެ ތެރެއިން ގިނަ ބަޔަކު ދިޔައީ ރަޝިއާގައި މަތީ ތަޢުލީމު ހާސިލުކުރަން ކަމަށާއި، އެހެންނަމަވެސް އެ ޤައުމުގައި ތިބެގެން ވަޒީފާ ހޯދުމަށް ދަތިވުމާ ގުޅިގެން ސިފައިންގެ ގޮތުގައި މަސައްކަތްކުރަން ފަށާފައިވާ ކަމަށް ބެލެވެއެވެ. މި މީހުންނަށް ރަނގަޅު މުސާރައަކާއި އެހެނިހެން އިނާޔަތްތައް ލިބޭ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އިންޑިއާގެ ސަރުކާރުން މިހާރު ވަނީ މި މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ. އަދި ރަޝިއާގައި ތިބި އިންޑިއާގެ ރައްޔިތުންނަށް އިންޒާރު ދީ، ސިފައިންގެ ގޮތުގައި މަސައްކަތް ނުކުރުމަށް އަންގާފައިވެއެވެ. މީގެ އިތުރުން، މިހާރުވެސް ސިފައިންގެ ގޮތުގައި މަސައްކަތްކުރަމުންދާ އިންޑިއާގެ ރައްޔިތުން އަވަހަށް އަނބުރާ ގެނައުމަށް ރަޝިއާގެ ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް ވެސް އިންޑިއާގެ ސަރުކާރުން ބުނެފައިވެއެވެ.