ޣައްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އިއްޔެ ރޭ ފަތިހު އެސްކޫލްގައި ދިރިއުޅޭ އެތައްސަތޭކަ ބަޔަކު ފަތިސް ނަމާދު ކުރަން ތިއްބައެވެ.

"އަލްޖަޒީރާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އަދި ހަމަލާދިން ވަގުތު އިމާރާތުގައި 250 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ.

Ad
rt

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު، މަހުމޫދު ބަސަލް ބުނެފައިވަނީ މުޅި ސަރަހައްދު އޮތީ މީހުންގެ ހަށިތަކުންނާއި ގުނަވަންތަކުން ފުރިފައި ކަމަށެވެ. އަދި ޝަހީދުވި މީހުންނަކީ ކޮންބައެއްކަން ދެނެގަންނަން އުނދަގޫވާ މިންވަރަށް ހަށިގަނޑުތައް ކުދިކުދިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މި ހަމަލާއަށްފަހު މުޅި އިމާރާތުގައި ވަނީ ރޯވެފައެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ދިޔަ ޓީމުތަކުގެ މީހުން ވެސް ތިބީ އެތަނުން ފެންނަ މަންޒަރާއެކު ބިރުގަނެފައި ކަމަށާއި، އެހީ ފޯރުކޮށްދޭނެ ގޮތެއް ވެސް އެމީހުންނަށް ނޭނގޭ ކަމަށް ބަސަލް ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދުވާންތަކުގައި ޝަހީދުވި މިހުންގެ އަދަދު 40،000 އާއި ކައިރިކޮށްފައިވާއިރު، އިސްރާއީލުގެ ނިރުބަވެރި ސަރުކާރުން އެ ހަމަލާއާ ގުޅިގެން ބުނެފައި ވަނީ އެ ސްކޫލު ބޭނުންކުރަމުން ދިޔައީ، ހަމާސްގެ ހެޑްކުއާޓަރެއްގެ ގޮތުގައި ކަމަށެވެ. އަދި އެތަނުގައި ނިރުބަވެރިން ހަރަކާތްތެރިވަމުން ދިޔަ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.