ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގެ އިރުމަތީގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ނުކުމެ ދިއުމަށް އިސްރާއީލު އޮކިއުޕޭޝަން ސިފައިން އަމުރުކޮށްފިއެވެ.
މި ހަނގުރާމައިގައި ގިނަ އާއިލާތަކުން ދެވަނަ އަދި ތިންވަނަ ފަހަރަށްވެސް ހިޖުރަކުރަން މަޖުބޫރުވެފައިވާ ހިނދު، އަނެއްކާވެސް އެފަދަ އަމުރެއް ނެރުމުން އެ ސަރަޙައްދުގައި ތިބި ރައްޔިތުންނަށް މިވަނީ އެމީހުން ދާނެ ދިމާއެއް ނެތި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ.
މި އަމުރާ ގުޅިގެން ގިނަ ބަޔަކު ދާންވީ ކޮންތާކަށްކަން ނޭނގި އެކިދިމަދިމާއަށް ފުރާނަ ސަލާމަތްކުރުމަށް ފިލަމުންދާއިރު، އިސްރާއީލުން ކަނޑައަޅާފައިވާ "ރައްކާތެރި ސަރަހައްދު" ވެސް ކުއްލި ގޮތަކަށް ބަދަލުވަމުންދާކަން ފާހަގަކުރެވެއެވެ. ޚާން ޔޫނިސް ސިޓީއަކީ މި ހަނގުރާމަ ފެށުނު އިރު 280،000 އަށްވުރެ ގިނަ މީހުން ހިޖުރަކޮށްފައިވާ ސަރަހައްދެކެވެ.
އިސްރާއީލު ސިފައިން މިއަހަރުގެ ޖަނަވަރީ ނުވަތަ ފެބްރުއަރީ މަހު ޚާން ޔޫނިސް ބެޓަލިއަން ބަލިކޮށްލި ކަމަށް ބުނެފައިވީ ނަމަވެސް، މިއީ އެ ސިޓީއަށް އިސްރާއީލުން ވަދެފައިވާ ހަތަރުވަނަ ފަހަރެވެ. މި ހާދިސާއިން ދޭހަވަނީ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކަލާއި ހާލަތުގެ ނާޒުކުކަމެވެ. އަދި އެމީހުންނަށް އެ ސިޓީގައި އެއްވެސް ރައްކާތެރިކަމެއް ނެތްކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!