ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާއި ގުޅިގެން، ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް ހދ. ކުމުންދޫ، ވީނަސް، ޒަކަރިއްޔާ ޙަސަން (40އ) ހޯދަން ފުލުހުން އިޢުލާން ކޮށްފި އެވެ.

ފުލުހުން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ޒަކަރިއްޔާ ޙަސަން ހޯދަމުންދަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ.

Ad
rt

މި މައްސަލައިގައި އޭނާ ބަންދުގައި ބަހައްޓައިގެން 2024 އޮގަސްޓް 12 ވަނަ ދުވަހުގެ 10:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ކޮށްފައިވެއެވެ.

ހދ. ކުމުންދޫ، ޒަކަރިއްޔާ ޙަސަނަކީ ހދ އަތޮޅު ކައުންސިލްގެ ފުރަތަމަ ދައުރުގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ 2021 ވަނަ އަހަރު އުފަން ރަށް ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައެވެ. ނަމަވެސް އެފަހަރު އޭނާއަށް ލިބިލެއްވީ އެންމެ 7 ވޯޓެވެ.

ފުލުހުންގެ އިޢުލާނުގައި ބުނެފައިވާ ގޮތުން، ޒަކަރިއްޔާ ޙަސަނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައިވެއެވެ.

އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައިވެއެވެ.