ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަށައިފިއެވެ.

މި ހަރަކާތް މިހާރު ކުރިއަށްދަނީ އަތޮޅުތެރޭގެ 12 ދާއިރާއެއްގައި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން ވިދާޅުވިއެވެ.

Ad
rt

ޒީނާޒް އަދުނާން ވިދާޅުވި ގޮތުގައި މި ހަރަކާތް މިއަދު މާލޭގައިވެސް ފެށިގެން ގޮސްފައިވެއެވެ. މި ކެމްޕޭނުގެ އިސް ސަފުގައި ހަރަކާތްތެރިވަނީ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޕީއެންސީއާ ގުޅުމަށް ގިނަ ބަޔަކު ބޭނުންވެފައި ތިބިކަންވެސް ޒީނާޒް ވިދާޅުވިއެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކުރެވޭ. އެހެން ޕާޓީތަކުގައި ތިއްބެވި ބޭފުޅުންނާއި، ޕާޓީތަކާ ނުގުޅި ތިއްބެވި ބޭފުޅުންވެސް އެބަތިބި. އަދި ޕްރައިމަރީގައި ޕާޓީއާ ގުޅުނު ނަމަވެސް، ރަޖިސްޓަރީ ނުވެވި ތިބި ބައެއް ބޭފުޅުންވެސް ތިބިކަން ފާހަގަކުރެވުނު،" ޒީނާޒް ވިދާޅުވިއެވެ.

ޕީއެންސީން ބުނެފައިވާ ގޮތުގައި މެމްބަރޝިޕް އިތުރުކުރުމަށް ހިންގާ ހަރަކާތްތަކުގައި ޕާޓީއަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކުގެ ފޯމު ޕީއެންސީގެ ޓީމުތަކުން ފުރައިދޭނެއެވެ. މި އަހަރު ނިމުމުގެ ކުރިން ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ހަދާނެ ކަމަށް ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، މިހާރު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތީ 50،980 މެމްބަރުންނާއެކު އިދިކޮޅު އެމްޑީޕީއެވެ. ދެވަނައިގައި އޮތް ޕީޕީއެމްގައި ތިބީ 34،827 މެމްބަރުންނެވެ. ޕީއެންސީ ތިންވަނައިގައި އޮތީ 28،704 މެމްބަރުންނާ އެކުގައެވެ.