ރާއްޖެ އާއި އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އަށާވީސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ޙަވާލުކުރުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ޤައުމު ކަމަށެވެ.

Ad
rt

މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީ ކަންކަން ކުރިއަރައިދިއުމާއި އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި މުޅި ޤައުމުގެ ފާގަތިކަން އިތުރުވެގެންދާނެ ކަމަށެވެ.

އަދި މި މަޝްރޫޢުތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢުތަކެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، "އާ އުސްމިންތަކަކަށް" ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ދިވެހިރާއްޖެއަށް އިންޑިއާއިން ދެމުންގެންދާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިއާ ސަރުކާރަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ. އަދި ބޮޑުވަޒީރު މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގެ ހަނދާން އާކުރައްވަމުން، އެ ދަޢުވަތު ދެއްވިކަމަށްޓަކައާއި، އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރާއި ރައީސް ދްރައުޕަދީ މުރުމޫއާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމަށްޓަކައި ޚާއްޞަ ޝުކުރެއް އަރިސްކުރެއްވިއެވެ.

މީގެއިތުރުން، ރައީސް ފާހަގަކުރެއްވި ގޮތުގައި "އިންޑިއަން ގްރާންޓް އެސިސްޓެންސް" ގެ ދަށުން ކުރިއަށްގެންދާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ތަކަކީ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާގެ ތަރައްޤީގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ހެއްކެކެވެ. އަދި މި ސްކީމްގެ ދަށުން މިހާރުވެސް އިންޤިލާބީ ކުރިއެރުންތަކެއް ގެނެސްދޭނެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަމަށާއި، އެ މަޝްރޫޢުތަކުގެ ނަފާ ދިވެހި މުޖުތަމަޢަށް އަވަސް މުސްތަޤުބަލެއްގައި ލިބިގެންދާނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ. އަދި ވާހަކަފުޅު ނިންމަވާލައްވަމުން، ލައިން އޮފް ކްރެޑިޓް ފެސިލިޓީ އަލުން އެކުލަވާލުމުގައި ދެއްވި ލުއިފަސޭހަކަމަށްޓަކައިވެސް ޝުކުރުގެ ބަސްތައް ރައްދުކުރެއްވިއެވެ.

"އިންޑިއާއާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކަމޭހިތުމުގެ މައްޗަށް ބިނާވެފައިއޮތް ބަދަހިވަމުންދާ އެކުވެރި ގުޅުމެއް، އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައިއޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި، މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އަރުވަން"

ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރުއަދާކުރައްވާފައެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.