އޮލިމްޕިކް ފުޓްބޯޅަ އިވެންޓްގެ ރަންމެޑަލް ކާމިޔާބުކޮށް މިވަގުތު ފުޓްބޯޅައިގެ ދުނިޔޭގެ ރަސްގެފާނަކީ ސްޕެއިންކަން އެ ޓީމުން އަނެއްކާ ވެސް ސާބިތުކޮށްދީފިއެވެ.

އޮލިމްޕިކް މުބާރާތް ބާއްވާ ފްރާންސާއި ދެކޮޅަށް ރޭ ކުޅުނު ފައިނަލް މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއިންނެވެ.

Ad
rt

ސްޕެއިންއަށް އެންމެ ފަހުން އޮލިމްޕިކް މުބާރާތުން ރަން މެޑަލް ހޯދިފައި ވަނީ މީގެ 32 އަހަރު ކުރިންނެވެ. އެއީ 1992 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ މުބާރާތެއްގެ ފައިނަލުގައި ސްޕެއިން ކުޅުނެވެ. 2000 ވަނަ އަހަރު ސިޑްނީގައި ބޭއްވި އޮލިމްޕިކް މުބާރާތުގެ ފައިނަލުން ސްޕެއިން ބަލިވީ ކެމަރޫން އަތުންނެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި އޮލިމްޕިކް މުބާރާތުގެ ފައިނަލުގައި ކުޅެ ބަލިވީ ބްރެޒިލް އަތުންނެވެ.

މި އަހަރަކީ ސްޕެއިންގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ އަހަރެކެވެ. މިދިޔަ މަހު ޖަރުމަނުގައި ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ޔޫރޯގެ އެންމެ ކާމިޔާބު ޓީމަށް ސްޕެއިން ވީއިރު، 17 އަހަރުން ދަށުގެ ޔޫރޯ ވެސް ކާމިޔާބު ކުރީ ސްޕެއިން ޓީމުންނެވެ. އެންމެ ފަހުން ބޭއްވި އަންހެން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރީ ވެސް ސްޕެއިނުނެވެ.

ރޭ ސްޕެއިންއާއި ފްރާންސް ބައްދަލު ކުރި މެޗަކީ ދެ ޓީމގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނުނު ބަލާހިތްވާ ކަހަލަ މެޗެކެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ފްރާންސުންނެވެ. މި ލަނޑު 11 ވަނަ މިނެޓުގައި ޖަހައިދިނީ އެންޒޯ މިލޮޓް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެ ޓީމްގެ ފުރަތަމަ ދެ ލަނޑު ޖެހީ ފާމިން ލޮޕޭޒްއެވެ. ތިންވަނަ ލަނޑު 28 ވަނަ މިނެޓުގައި ޖެހީ ބައޭނާއެވެ.

ދެވަނަ ހާފުގައި ފްރާންސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، އެ ޓީމުން ވަނީ މެޗު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފްރާންސްގެ ދެވަނަ ލަނޑު 79 ވަނަ މިނެޓުގައި ޖަހައިދިނީ އަލިއޫޗޭއެވެ. ފްރާންސުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީން މަޓޭޓާ ޖަހައިދިން ލަނޑުންނެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފު ކުޅުނެވެ. ސްޕެއިނުގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ޖެހީ މި ދެ ހާފުގައެވެ. މި ދެ ލަނޑު ވެސް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސާޖިއޯ ކަމޭއޯއެވެ.