ބްރެޒިލްގެ ސާއޯ ޕައުލޯ ބޭރުގައި މަތިންދާބޯޓެއް ވެއްޓި 61 މީހުން މަރުވެއްޖެކަމަށް ވޯޕާސް އެއަރލައިންއިން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
ވޯޕާސްގެ ބަޔާނުގައި ބުނެފައިވަނީ ފްލައިޓް 2283 ގައި ތިބި 61 މީހުން ވެސް ހާދިސާ ހިނގި ތަނުގައި މަރުވެފައިވާ ކަމަށެވެ. މި އުޅަނދުގައި 57 ފަސިންޖަރުންނާއި 4 ކުރޫ މެންބަރުން ތިބިކަމަށް އެއަރލައިނުން މަޢުލޫމާތު ދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިޖުތިމާޢީ ވިއުގަތަކުގައި ދައުރުވަމުންދާ ވީޑިއޯތަކުގައި ފެންނަނީ އުޅަނދު ވެއްޓެމުންދާ މަންޒަރާއި، ބިމަށް ވެއްޓުމަށްފަހު އަލިފާން ރޯވެފައިވާ މަންޒަރެވެ. އަދި އެހެން ވީޑިއޯއެއްގައި ފެންނަނީ އުޅަނދު ވައިގެ ތެރޭގައި ދައުރުވަމުން ބިމަށް ވެއްޓޭ މަންޒަރެވެ.
BREAKING: Voepass Flight 2283, a large passenger plane, crashes in Vinhedo, Brazil pic.twitter.com/wmpJLVYbB3
— BNO News (@BNONews) August 9, 2024
ފްލައިޓް ޓްރެކިންގ ޑޭޓާއިން ދައްކާގޮތުގައި އޭޓީއާރު 72-500 އުޅަނދު އެންމެ މިނެޓެއްގެ ތެރޭގައި 17،000 ފޫޓު ތިރިވެފައިވެއެވެ. ނަމަވެސް މި ހާދިސާ ހިނގި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އިމަޖެންސީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ވަނީ ހާދިސާ ހިނގި ސަރަހައްދުގައި މަސައްކަތް ފަށާފައެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ތަހުގީގު ކުރިއަށްދާކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!