މިހާރު އެންމެ ރަނގަޅު ޕާސްވޯޑް މެނޭޖަރުންގެ ތެރޭގައި ހިމެނޭ "ވަންޕާސްވޯޑް" އިން މެކް ބޭނުންކުރާ ފަރާތްތަކަށް އިންޒާރު ދީފިއެވެ. އެ ފަރާތްތަކުގެ ޑޭޓާ ރައްކާތެރިކުރުމަށްޓަކައި އަވަހަށް ޕެޗް އަޕްޑޭޓް ކުރުމަށް އެ ކުންފުނިން ގޮވާލާފައިވެއެވެ. މިގޮތަށް ގޮވާލާފައިވަނީ އެޕްލިކޭޝަނުން ފެނުނު މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގެ ސަބަބުން ހެކަރުންނަށް ޕާސްވޯޑް ވޯލްޓްތަކަށް ވަދެ، އޭގައިވާ މަޢުލޫމާތު ހޯދުމުގެ ފުރުސަތު އެބައޮތެވެ.
ވަންޕާސްވޯޑް ގައި ޕާސްވޯޑް ރައްކާކޮށްފައިވާ ފަރާތްތަކަށް އެކި ބޭނުންތަކަށް ވަކިވަކި ވޯލްޓްތައް ހެދުމުގެ ފުރުސަތު ދީފައިވެއެވެ. މިސާލަކަށް އަމިއްލަ ބޭނުމަށާއި މަސައްކަތުގެ ބޭނުމަށް ވަކި ވޯލްޓްތައް ހެދިދާނެއެވެ. ނަމަވެސް މިހާރު ފެނިފައިވާ މައްސަލައިގެ ސަބަބުން ހެކަރުންނަށް މެކްއޯއެސް ބޭނުންކުރާ ފަރާތްތަކުގެ މުޅި ވޯލްޓް ވަގަށް ނެގުމުގެ ފުރުސަތު އެބައޮތެވެ. މި މައްސަލަ ދިމާވަނީ ވަންޕާސްވޯޑް ވަރޝަން 8.10.36 ބޭނުންކުރާ ފަރާތްތަކަށެވެ.
މި މައްސަލަ ފާހަގަކުރެވިފައިވަނީ ރޮބިންހުޑްގެ ސެކިއުރިޓީ ޓީމުންނެވެ. އެ ޓީމުން ވަންޕާސްވޯޑް އެޕްލިކޭޝަން ޓެސްޓްކުރުމުގެ ތެރޭގައި މި މައްސަލަ ފާހަގަކުރެވުނެވެ. ނޭޝަނަލް ވަލްނަރަބިލިޓީ ޑޭޓާބޭސްގައި މި މައްސަލަ ބަޔާންކޮށްފައިވަނީ "އެކްސްޕީސީ އިންޓަރ-ޕްރޮސެސް ކޮމިއުނިކޭޝަން ވެލިޑޭޝަން އެކަށީގެންވާ ވަރަށް ނެތުމުގެ ސަބަބުން ލޯކަލް އެޓޭކަރުންނަށް ވޯލްޓް އައިޓަމްތައް ވަގަށް ނެގުމުގެ ފުރުސަތު އޮތް" މައްސަލައެއްގެ ގޮތުގައެވެ.
ވަންޕާސްވޯޑް އިން ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައިވަނީ މި މައްސަލަ ދިމާވަނީ މެކް ކޮމްޕިއުޓަރެއްގައި ވަންޕާސްވޯޑް އަށް އަމާޒުކޮށްގެން ގެއްލުންދޭ ސޮފްޓްވެއަރއެއް ރަން ކުރުމުންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!