ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާގެ މަގާމުގެ ހުވައި ނޮބެލް އިނާމު ހާސިލް ކުރައްވާފައިވާ އުމުރުފުޅުން 84 އަހަރުގެ މުހައްމަދު ޔޫނުސް ކުރައްވައިފިއެވެ.
ޔޫނުސް މަގާމުގެ ހުވައި ކުރެއްވީ ވެރިރަށް ޑާކާގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަގާމުގެ ޒިންމާ އިޚްލާސްތެރި ކަމާއެކު އަދާ ކުރައްވާނެ ކަމަށާއި، ބަންގްލަދޭޝްގެ ގާނޫނު އަސާސީ ނަގަހައްޓަވާނެ ކަމަށް ޔޫނުސް ވިދާޅުވިއެވެ.
ޔޫނުސްގެ އެންމެ މުހިންމު މަސައްކަތްޕުޅަކަށް ވާނީ ބަންގްލަދޭޝްގައި އުފެދިފައިވާ ހަމަނުޖެހުންތައް ހަމަޔަކަށް އެޅުއްވުމާއި އައު އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔޫނުސްއަށް ޗީފް އެޑްވައިޒަރގެ މަގާމުގެ ހުވައި ލައިދެއްވީ ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީންއެވެ. ޗީފް އެޑްވައިޒަރގެ މަގާމަކީ ބޮޑުވަޒީރުގެ މަގާމާ އެއް ފެންވަރުގެ މަގާމެއް ކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ބުނެފައިވެއެވެ.
ރިޔާސީ ގަނޑުވަރުގައި ބޭއްވި ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި، ބަންގްލަދޭޝްގެ ބޮޑެތި ވިޔަފާރިވެރިންނާއި، ސިޔާސީ ޕާޓީތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް ރަސްމިއްޔާތުގައި އިސްތިއުފާ ދެއްވި ބޮޑުވަޒީރު ޝޭޚް ހަސީނާގެ ޕާޓީން ބައިވެރިވެފައެއް ނުވެއެވެ.
ޔޫނުސް އެކުލަވާލައްވާ ވަގުތީ ކެބިނެޓްގައި 16 މެމްބަރުން ހިމެނެއެވެ. އޭގެ ތެރޭގައި ގިނައީ ސިވިލް ސޮސައިޓީން ހުށަހެޅި މަންދޫބުން ކަމަށް ވެއެވެ. ވަގުތީ ކެބިނެޓްގައި ހަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ޔުނިވަރސިޓީ ދަރިވަރުންގެ ތެރެއިން ދެ ލީޑަރުންވެސް ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!