އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމްގެ އަބުރު ކަތިލުމަށް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއްކަމަށާއި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ، ކާކުކަން ނޭނގޭގޮތަށް އެކްސްގައި ހަސަން ކުރުސީ ކިޔާ އެކައުންޓަކުން ވަޒީރު ޝަހީމްގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ޑރ ޝަހީމް ކަމަށް ބުނެ ތަފާތު ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
އެ އެކައުންޓުން ވަނީ ވަޒީރު ޝަހީމްގެ ޕީއެޗްޑީއާއި މެދު ސުވާލު އުފައްދަވައި، އެބޭފުޅާ ކަމަށް ތުހުމަތުކޮށް ބަދުއަހްލާގީ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. އޭއައި ބޭނުން ކޮށްގެން އުފައްދާފައިވާ ވީޑިއޯއެއްކަމަށް ބެލެވޭ ވީޑިއޯ ދައުރުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭގެ އަސްލު ވަނީ ބަޔަކު ހިއްސާކޮށްފަ އެވެ. އެއާއި އެކު ހަސަން ކުރުސީވަނީ ފޭކް ވީޑިއޯއެއް ދައުރުކުރިކަމަށް އެއްބަސްވެ މާފައް އެދިފަ އެވެ.
މިކަމާއި ގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވަޒީރު ޝަހީމްގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއްކަމަށާއި، އެކި ފަރާތްތަކުގެ އަބުރުކަތިލުމަށް ޙަޤީގަތާއި ޚިލާފު ދޮގު ވާހަކަ ފެތުރުމަކީ ބަލައިގަނެވިގެންވާނެ ކަންކަމެއް ނޫންކަމަށެވެ.
"ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް. ކޮންމެ މީހެއްގެވެސް ޢާއިލާއެއް އޮންނާނެ، މައިންބަފައިން، ފިރިން އަނބިން ދަރިން ތިބޭނެ. ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފްރަތުގައިޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން"
ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި މިފަދަ ޢަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭކަމަށާއި، އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމަޢުގެ ފޭރާން ވީދާ ޚަރާބު ކުރާއިރު އެކަމާއި ދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެކަމަށާއި، މި ފަދަ ނުބައި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!