ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި، އެ މައްސަލަތައް މިހާރު ދަނީ ތަޙުޤީޤުކުރަމުން ކަމަށެވެ.

Ad
rt

ކިންގްސްޓޮންއިން ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ޑައުންޕޭމަންޓާއި ފުލް ޕޭމަންޓްގެ ގޮތުގައި ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ފައިސާ ދެއްކުމަށްފަހު ސައިކަލު ލިބޭނެ ކަމަށް ބުނި ތާރީޚު ފަހަނައަޅައި ދިޔަތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށް ވެސް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ކިންގްސްޓޮންގެ ޝޯރޫމް ކައިރީގައި މުޒާހަރާއެއް ވެސް ކުރިއެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި މައްސަލައިގައި މަކަރާއި ހީލަތުގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް ފަރާތެއް ވާނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށެވެ.

ފުލުހުން ވަނީ މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.